ފީފާ ވޯލްޑްކަޕް 2018: ބްރެޒިލް އަދި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗަށް ބަލާލުމެއް

 

ބްރެޒިލް އަދި ސްވިޒަލޭންޑް ބައްދަލުކުރާ މެޗަކީވެސް ފޯރިގަދަ މެޗެކެވެ. އެމެޗަށް އިންތިޒާރުކުރަމުންދާ މީހުންވެސް ދުނިޔޭގައި މަދެއްނޫނެވެ. ކާއްޞަކޮށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް މަދެއްނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބްރެޒިލް ޓީމަށް ބަލާއިރު، ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ރަސްގެފާނުގެ ނަމުން ނަން މަސްހޫރުވެފައިވާ ގައުމެވެ. ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޤައުމެވެ.

ފީފާ ރޭންކިންގެ 2 ވަނާގައި އޮތް ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ ހަމައެކަނި ޤައުމެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލް ވަނީ ޖުމްލަ ފަސް ފަހަރު ވޯލްޑް ކަޕް އުފުލާލައިފަ އެވެ. އެއީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރެވެ.

ބްރެޒިލް އަކީ އަބަދު ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ނެރޭ ޤައުމެކެވެ. ވޯލްޑް ކަޕް ކާމިޔާބުކުރި ކޮންމެ އަހަރަކު ވެސް، އެ ޤައުމުގައި ތިބީ ފުޓްބޯޅައިގެ ތާރީހުން ފާހަގަކުރެވޭ ކުޅުންތެރިންނެވެ.

އެންމެ ފުރަތަމަ 1958 އަދި 1962 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ބްރެޒިލްގެ ޓީމު ލީޑުކުރީ ޕެލޭ އާއި ގަރިންޗާ ފަދަ ކުޅުންތެރިންނެވެ.

އަދި 1970 ވަނަ އަހަރު ބްރެޒިލް ތަށި އުފުލާލީ ކާލޮސް އަލްބާޓޯ އާއި ޒިކޯ ފަދަ ކުޅުންތެރިންގެ މަސައްކަތުންނެވެ.

އޭގެ ފަހުން ރޮމާރިއޯ، ބެބޭޓޯފަދަ ކުޅުންތެރިންނާއެކު 1994 ވަނައަހަރު އެމެރިކާގައި އޮތްވޯލްޑްކަޕް ކާމިޔާބުކުރިއިރު،  2002 ވަނަ އަހަރު ތަށި އުފުލާލީ ރޮނާލްޑޯ އާއި ރިވާލްޑޯ އަދި ރޮނާލްޑީނިއޯފަދަ ހުނަރުވެރި ކުޅުންތެރިންނާއި އެކުގައެވެ.

އެހެންނަމަވެސް 2006 އަދި 2010 ވަނަ އަހަރު ބްރެޒިލް އަށް މާ އެދެވިގެންވާ ކާމިޔާބީއެއް ނުލިބުނެވެެ. އެޓީމު މި ދެ ވޯލްޑްކަޕުން ކެޓީ މުބާރާޓުގެ ކުއާޓާ ފައިނަލުންނެވެ. އަދި 2014 ވަނަ އަހަރު އަމިއްލަ ޤައުމުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަން އަތުން 1-7 ގެ ބޮޑު ނަތީޖާއަކުންބަލިވެފައެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕަށް ފަހު، ބްރެޒިލްގެ ޓީީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް އައިސްފަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި އޮތް ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން، މި އަހަރުގެ ސްކޮޑްގައި ހިމެނެނީ އެންމެ ހަ ކުޅުންތެރިންނެވެ.

ބްރެޒިލްގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު ، އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީއަށް ކުޅެމުންއަންނަ ނޭމާއެވެ. މިރޭގެ މެޗުގައި ކެޕްޓަންކަން ކުރާނީ ނޭމާއެވެ.

ނޭމާގެ އިތުރުން ކުޓީނިއޯ، މާސެލޯ، ޕައުލީނިއޯ، ވިލިއަމްސް ފަދަ ހުނަރުވެރި ކުޅުންތެރިން މިރޭގެމެޗުގައި ފެނިގެންދާނެއެވެ.

ބްރެޒިލްއާއި ދެކޮޅަށް މިރޭ ނިކުންނަ ސްވިޒަލޭންޑް ޓީމަށް ބަލާއިރު، މިއީ ވޯލްޑްކަޕުގައި ސްވިޒަލޭންޑް ވާދަ ކުރާ 11 ވަނަ ފަހަރެވެ. ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ތިން ފަހަރު ދަތުރު ކުރި އެވެ. އޭގެ ތެރެއިން އަމިއްލަ ގައުމުގައި 1954 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުވެސް ހިމެނެ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ މުބާރާތުގެ ރަނަރަފު އާޖެންޓީނާ އަތުންނެވެ. ވޯލްޑްކަޕުގެ ނޮކައުޓް މެޗަކުން ސްވިޒަލޭންޑަށް މޮޅު ނުވެވޭތާ 64 އަހަރު ވެއްޖެ އެވެ. ނޮކައުޓް މެޗަކުން އެ ޓީމު އެންމެ ފަހުން މޮޅުވީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕުގައި ގުރޫޕްގެ ޕްލޭއޮފް މެޗުގައި އިޓަލީ އަތުންނެވެ.

ސްވިޒަލޭންޑްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، އެ ގައުމުގައި އޮތީ އެގައުމުގެ ރަން ޖީލްގެ ކުޅުންތެރިންނެއް ނޫނެނެވެ. ނަމަވެސް 2009 ވަނަ އަހަރު 17 އަހަރުން ދަށުގެ ވޯލްޑްކަޕު ޗެމްޕިއަންކަން ހޯދި ސްވިޒަލޭންޑްގެ ޓީމުގެ ހިމެނުނު މުހިންމު ކުޅުންތެރިން އެ ޓީމުގެ މިހާރުގެ ސްކޮޑުގައި އެބަތިއްބެވެ. އޭގެތެރޭގައި އާސެނަލްގެ މިޑްފީލްޑާ ގްރެނިޓް ޒަކާ އަދި ޝަކީރީ ހިމެނެއެވެ. ސްވިޒަލޭންޑްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އިޓަލީގެ އުޑިނޭޒީއަށް ކުޅެމުން އަންނަ މިޑްފީލްޑާ ވެލޮން ބީރާމީ އެވެ. މިއީ އޭނާގެ ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑްކަޕެވެ.

ބްރެޒިލް އާއި ސްވިޓްޒަލޭންޑް ވޯލްޑް ކަޕެއްގައި މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. ނަވާރަ ސަތޭކަ ފަންސާސް ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޤައުމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެނެވެ. ބްރެޒިލް އާއި ސްވިޓްޒަލޭންޑް ޖުމްލަ 8 ފަހަރު ބައްދަލުކޮށްފައިވާއިރު، ބްރެޒިލް މޮޅުވީ ތިން މެޗުންނެވެ. ސްވިޓްޒަލޭންޑް ވަނީ ދެ މެޗުން މޮޅުވެފަ އެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.