
ފީފާ ވޯލްޑްކަޕް 2018: ޕެރޫ އަދި ޑެންމާކް ބައްދަލުކުރާ މެޗަށް ބަލާލުމެއް !
ރަޝިއާގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ ޕެރޫ އަދި ޑެންމާކު ބައްދަލުކުރާ މެޗަކީވެސް ވަކި ފޯރި ކުޑަ މެޗަކަށް ނުވާނެއެވެ. ދެ ޓީމުވެސް މިރޭ މެޗަށް ނިކުންނައިރު، އޮތީ ރަނގަޅު ފޯމެއްގައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ . ޕެރޫ އެންމެ ފަހުން ކުޅުނު 15 މެޗު ވެސް ކާމިޔާބުކޮށްފައިވާކަމެވެ.
ހަމަ އެގޮތަށް ޑެންމާކް ވެސް ރަނގަޅު ފޯމެއްގައި އޮތްއިރު، ޑެންމާކް ވެސް އޮތީ އެންމެ ފަހުން ކުޅުނު 15 މެޗުން ބަލިނުވެ އެވެ. މުބާރާތުގެ ކޮލިފައިންގައި ވެސް ޑެންމާކް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރިފަ އެވެ. ހާއްސަކޮށް އެ ޓީމުގެ ޕްލޭމޭކަރު، ކްރިސްޓިއަން އެރިކްސަން ރަނގަޅު ފޯމެއްގައި ހުރުމަކީ ޓީމަށް ލިބޭ އިތުރު ހިތްވަރެކެވެ. އަނެއްކޮޅުން މަނާ ބޭސް ބޭނުންކުރި މައްްސަލަައިގައި ކުރިމަތިވި ސަސްޕެންޝަނަކާ ގުޅިގެން ނުކުޅެވޭނެ ކަމަށް ހީކުރެވުނު ޕެރޫގެ ގުއެރޭރޯ އަށް ވެސް މިރޭގެ މެޗުގައި ކުޅެވޭނެއެވެ. މި ދެޓީމަކީ މީގެ ކުރިން ބައިނަލްއަޤުވާމީ މެޗެއްގައި ވާދަކޮށްފައިވާ ދެ ޤައުމެއް ނޫނެވެ.
ޕެރޫ
ޕެރޫގެ ޓީމަށް ބަލާއިރު، އެޓީމު މިފަހަރުގެ ވޯލްޑް ކަޕުގައި މި ވާދަކުރަނީ ދިގު މުއްދަތަކަށް ފަހުގައެވެ. މިއީ 1982 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ފީފާ ރޭންކިންގެ 11 ވަނާގައި މިވަގުތު އޮތް ޕެރޫ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި ނިއު ޒިލޭންޑްގެ މައްޗަށް ކުރި ހޯދައި، ޕެރޫ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.
ޕެރޫގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު ޖެފަސަން ފަފާން އަދި ޕައުލޯ ގުއެރޭރޯ ގެ އިތުރުން އަލްބާޓޯ ރޮޑްރިގޭޒް ފާހަގަކޮށްލެވެއެވެ.
މީގެ ތެރެއިން ޕެރޫގެ އެންމެ ތަޖުރިބާކާރު އަދި ހުނަރުވެރި އެއް ކުޅުންތެރިއަކީ ޖެފަސަން ފަފާން އެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެފައިވާ ފަފާން އަކީ މިހާރު ޕެރޫގެ ޤައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
ފަފާން ޔޫރަޕްގައި މަޝްހޫރުވެގެންދިޔައީ ނެދަލޭންޑްސްގެ ޕީއެސްވީ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޖަރުމަންގެ ޝާލްކޭ އަށް ގިނަ އަހަރުތަކަކަށް ކުޅެފަ އެވެ. މިހާރު އޭނާ ކުޅެމުންދަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއަށެވެ.
ޕެރޫގެ ޤައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ފަފާން ،23، ވަނީ ޤައުމީ ޓީމަށް 79 މެޗު ކުޅެ، 23 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ގުއެރޭރޯ އަކީވެސް ޕެރޫގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ފްލަމެންގޯ އަށެވެ. ކުރިން ބަޔާން މިއުނިކް އާއި ހެމްބާގަށް ކުޅެފައިވާ ފޯވަޑް ގުއެރޭރޯ ،34، އަކީ ޕެރޫގައި އުފެދުނު އެންމެ މޮޅު އެއް ފޯވަޑެވެ.
ގުއެރޭރޯ ޤައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ޕެރޫ ވާދަކޮށްފައިވާ ބައިނަލްއަޤުވާމީ މުބާރާތްތަކާއި މެޗުތަކުގައި ގުއެރޭރޯ އަކީ ގަވައިދުން ޖާގަ ހޯދަމުންދާ ކުޅުންތެރިއެކެވެ.
ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 86 މެޗުގައި ގުއެރޭރޯ ވަނީ 32 ލަނޑު ޖަހައިފަ އެވެ.
ޑެެންމާކް ،
ފީފާ ރޭންކިންގެ 12 ވަނާގައި މިވަގުތު އޮތް ޑެންމާކުގެ ގައުމީޓީމަށް ބަލާއިރު، ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1986 ވަނަ އަހަރުއެވެ. އެ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ޑެންމާކް ކޮލިފައިވި އެވެ.
އޭގެ ފަހުން 1998، 2002 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކް ވާދަކުރިއެވެ. އެގޮތުން 1998ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޑެންމާކް ވަނީ ދަތުރުކޮށްފައެވެ.
މިއީ ޑެންމާކްގެ ފަސް ވަނަ ވޯލްޑް ކަޕެވެ. ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދި ނަމަވެސް، ޑެންމާކަކީ ގަވައިދުން ވޯލްޑް ކަޕަށް ކޮލިފައިވާ ޤައުމެއް ނޫނެވެ. އެކަމަކު ކޮލިފައިންގައި އެ ޤައުމަކީ އަބަދު ވެސް ރަނގަޅު ވާދައެއް ކުރާ ޤައުމެކެވެ.
ޑެންމާކް ވަނީ އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފައެވެ.
ޑެންމާކް މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން، ތިން ފަހަރު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
ޑެންމާކުގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކްރިސްޓިއަން އެރިކްސަންއެވެ.
ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކްރިސްޓިއަން އެރިކްސަން އަކީ ޑެންމާކްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަޔަކްސް އިން ޔޫރަޕްގައި ވިދާލި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ވަނީ ފެންވަރު ދައްކާލައިފަ އެވެ.
އެރިކްސަން ޑެންމާކްގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޑެންމާކްގެ ޤައުމީ ޓީމަށް 75 މެޗު ކުޅެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކަށް އެރިކްސަންގެ މުހިންމުކަން ބޮޑެވެ.
ޕެރޫގެ އިތުރުން ޑެންމާކް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ޕްލޭއޮފް ކުޅެގެންނެވެ.



