
އޭޑީކޭ ސިނަރޖީ އިން ބޭއްވި 100K ޗެލެންޖު 38 ބައިވެރިން ފުރިހަމަކޮށްފި
އޭޑީކޭ ސިނަރޖީ އިން ބޭއްވި 100K ޗެލެންޖު 38 ބައިވެރިން ފުރިހަމަކޮށްފިއެވެ.
މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބޭއްވި މި ޗެލެންޖުގައި އޭޑީކޭ ކުންފުނީގެ 50 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޗެލެންޖު ފުރިހަމަކުރި ބައިވެރިންނަށް މެޑަލް ޙަވާލުކޮށްދެއްވީ އޭޑީކޭ ކޮމްޕެނީގެ ޗެއަރމަން އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.
މި ޗެލެންޖުގައި މުޅިން އަލަށް ދުވާ މީހުންވެސް ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އޭޑީކޭ ކޮމްޕެނީގެ އިސްމަޤާމުތަކުގެ މުއައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
މިއީ އޭޑީކޭ ކޮމްޕެނީގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންގެ މެދުގައި އުފައްދާފައިވާ އޭޑީކޭ ސިނަރޖީގެ މެމްބަރުންނަށް ހުޅުވާލައިގެން ބޭއްވި ޗެލެންޖެކެވެ.
މިފަދަ ޗެލެންޖެއް ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށް އެހީތެރިވެ ދިނުމާއި ދުވުމަކީ ސިއްޙަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަންގައިދިނުމެވެ. އަދި ދުވުންތެރިން އުފެއްދުމެވެ.



