
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފި
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 13 ވާ ބުދަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 12:00 އަށާއި މެންދުރު 13:00 އިން ހަވީރު 14:30އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށް ކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަންނާނީ އެބަޔަކު އަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅުނު ބާވަތަކުން ކަމަށާއި އެ ބާވަތަކުން ދައްކަން ޖެހޭނީ 2.4 ކިލޯ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ޒަކާތް ބަލައިގަންނާނީ އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް އަންނަ ބުދަ ދުވަހު ބަހަން ފަށާނެ ކަމަށެވެ.



