1412 ޗައިލްޑް ހެލްޕްލައިންގެ ކޯލްސެންޓަރަކާއި އަހަން ކެމްޕެއިންގެ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ރިޕޯޓްކުރުމަށް ހިލޭ ގުޅޭ ނަންބަރު ”1412“ އަށް ކޯލް ސެންޓަރެއް ޤާއިމްކޮށް، މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ”އަހަން“ ކެމްޕެއިންގެ މޯބައިލް އެޕްލިކޭޝަން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، ޔުނިސެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިޚިދުމަތްތައް އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އާއި ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ފޯރ ސައުތު އޭޝިއާ މިސް ޖީން ގޯފްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި ޔުނިސެފްގެ ކަންޓްރީ ރިޕްރެޒެންޓޭޓިވް ޓު ދަ މޯލްޑިވްސް ޑރ. އެލިސް އަކުންގާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޔުނިސެފް އަދި މިދާއިރާގައި މަސައްކަތްކުރައްވާ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ”ގޭތެރޭއިން ނުވަތަ ގެއިންބޭރުގަވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުޑަކުއްޖަކު ތަހައްމަލުކުރަމުންދާކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ، މިޚިދުމަތްތައް މެދުވެރިކޮށް ލަސްނުކޮށް ރިޕޯޓްކުރުމަށް“ މިނިސްޓަރ ޒެނީޝާ އިލްތިމާސްކުރެއްވިއެވެ. އަދި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 680 މައްސަލަ މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި އެކަނިވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށާއި، ”އަނިޔާ ލިބޭ ކުއްޖާއަކީ ތިމާގެ އަމިއްލަ ދަރިފުޅެއް، ކޮއްކޮއެއް، ނުވަތަ ގާތްތިމާގެ ކުއްޖެއްކަމުގައި ނުވިނަމަވެސް، އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް“ ކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޗައިލްޑް ހެލްޕްލައިން 1412އަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގައި ހަރުދަނާ އުސޫލެއް ޤާއިމްކުރުމަށާއި، މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެން ރަނގަޅުކުރުމުގެ މަޤްސަދުގައި މި ކޯލް ސެންޓަރ ޤާއިމްކުރުމަށާއި އަހަން މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޔުނިސެފްއިން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ޗައިލްޑް ހެލްޕްލައިން 1412 އަކީ ކުޑަކުދިންނަށް ދިމާވާ އެކި މައްސަލަތަކަށް ޙައްލު ހޯދައިދީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ރިޕޯޓްކުރުމަށް ނޮވެމްބަރ 2009 ގައި ހިލޭގުޅޭގޮތަށް ސަރުކާރުން ޤާއިމްކޮށްފައިވާ ނަންބަރެކެވެ. ”އަހަން“ ކެމްޕެއިން އަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، ޚާއްޞަގޮތެއްގައި އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން އިފްތިތާޙްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

އަންނަ ހަފްތާއިން ފެށިގެން އަހަން މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.