
ބްރޯޑްކާސްޓަރުން ތަމްރީނު ކުރުމާ ގުޅޭގޮތުން ޗައިނާ އެމްބެސެޑަރ އާ މަޝްވަރާކުރައްވައިފި
ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ބްރޯޑްކާސްޓަރުން ތަމްރީނު ކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވާން ފޫކާންގ އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ޗައިނާ އެމްބަސީގައި ބޭއްވި ބއްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ތަޖުރިބާ ހުރި ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމާ ގުޅޭގޮތުން ޗައިނާ އެމްބަސީއާ ގުޅިގެން، ޗައިނާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު ޗައިނާ އެމްބެސެޑަރ އާ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ޗައިނާގެ ބްރޯޑްކާސްޓް ކުރުމުގެ ސިނާޢަތު ކުރިއަށްދާގޮތް ދެނެގނެ، މި ދާއިރާގެ އެކި މުއއްސަސާތަކާ ގުޅުންތައް ޤާއިމްކުރުމަށްޓަކައި ކޮމިޝަނުން ތަޖުރިބާގެ ދަތުރެއް ކުރުމަށްވެސް މިއަދު ހުށަހެޅި ޕްރޮޕޯޒަލްގައި ހިމަނާފައިވެއެވެ.
އެމްބެސެޑަރ ފޫކާންގ އަރިހަށް ޒިޔާރަތްކުރުމަށް ކޮމިޝަނަށް ފުރުޞަތު ދެއްވީތީ އެކަމާ ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެ، ރާއްޖެއާ މެދު ބަހައްޓަވާ ގާތް ކަމަށާއި ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވާ އެހީތެރިކަންވެސް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ފޫކާންގ، ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އާއި މީޑިއާގެ ތަރައްޤީއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ޗައިނާ އެމްބެސެޑަރާއި ކޮމިޝަންގެ ރައީސްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު އަސްލަމާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ ފާޠިމަތު ޒައިނާ އާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގެންނެވިއެވެ.



