
މާލޭ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދެއްވާ ޓީޗަރުންނަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ފަށައިފި
މާލޭ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދެއްވާ ޓީޗަރުންނަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރ މެދުވެރިވެ ކޮލަމްބޯގައި ހުންނަ އެމެރިކަން އެމްބަސީ އާއި ސްކޫލްތަކުގައި، އިނގިރޭސިބަސް ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން މިމަހުގެ 8 އިން 10 އަށް ”އިންގްލިޝް ލޭންގްއޭޖް އެޑިއުކޭޓަރ ވޯރކޮޝޮޕް“ ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕް މިއަދު 9:00 ގައި ވަނީ ފަށާފަ އެވެ. މި ވޯކްޝޮޕްގައި މިހާރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނާއި، އެހެނިހެން ވަސީލަތްތަކުގެ އެހީގައި އިނގިރޭސި ބަސް ކިޔަވައިދޭނެ އައު ހުނަރުތައް ދަސްކޮށްދެވޭނެ އެވެ.
މި ވޯކްޝޮޕް ބޭއްވުމުގެ މަގްސަދަކީ ސްކޫލްތަކުގެ އިނގިރޭސި ބަސް ކިޔަވައިދެއްވާ މުދައްރިސުން ބަސް އުނގަންނައި ދެއްވުމުގައި ޒަމާނީ ވަސީލަތްތަކަށާއި، ކިޔަވައިދިނުމުގައި އެންމެ ބޭނުންތެރި ސްޓްރެޓެޖީތަކަށް އަހުލުވެރިކުރުވާ، އަމަލީ ތަމްރީނުތައް ހޯދުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.
މިއީ ހިދުމަތުގައި ތިއްބެވި ޓީޗަރުން ތާޒާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ޖުމްލަ 29 ޓީޗަރަކު ވަނީ ބައިވެރިވެފަ އެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ އެމެރިކާ އެމްބަސީން ރާއްޖެއަށް ފޮނުއްވާފައިވާ އިނގިރޭސި މާހިރެއް ކަމުގައިވާ މރ. ޓްރިނިޑަޑް ހާރނެންޑެޒް އެވެ.



