
މިހާރު ފެތުރެމުންދާ ރޯގާ އާއި ހުމުން އެޗްވަންއެންވަން ފެނިއްޖެ: އެޗްޕީއޭ
މި ދުވަސްކޮޅު މާލޭއާއި ރާއްޖޭގެ ބައެއް އަތިޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާ އާއި ހުން ޖެހިފައިވާ ބައެއް މީހުންގެ ގައިން އެޗްވަންއެންވަން ފެނިއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭ އިން މިކަމާ ގުޅިގެން ރޭ ދަންވަރު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ކުރި ދިރާސާތަކާއި ޓެސްޓުތަކަކުން އިންފުލުއެންޒާ އެޗްވަންއެންވަން އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ މާހިރުންނާއެކު ސިއްހީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ނެރުނު މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަންގެ ރޯގާ އަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ފެތުރެމުންދާ ސްވައިން ފުލޫއާ ގުޅުމެއް ހުރި ރީގާއެއް ނޫން ކަމަށެވެ.
އަދި އެޗްވަންއެންވަން އަކީ އެހެން ރޯގާ ތަކެކޭ އެއްގޮތަށް ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި ނަމަވެސް މި ބަލީގެ ނުރައްކާ ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑުކަމަށް އެއިދާރާއިން ނެރުނު މި ބަޔާނުގައިވެއެވެ.
އަދި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށްވެސް މި ބަލީގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށް ބުނެފައިވެއެވެ.
އެޗްވަންއެންވަން އާއްމުކޮށް ޖެހެނީ އިންފުލުއެންޒާ ނުވަތަ އަރިދަފުސް ރޯގާ ފެތުރޭ ގޮތަށްކަމަށާއި ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމު ފެތުރެނީ ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރެއިންކަމަށްވެސް މި ބަޔާނުގައިވެއެވެ.



