
ސްޓީލިންގ ޕެރަޑައިޒް ރިޕޯޓާއި ގުޅިގެން އަދީބާ ސުވާލުކޮށްފި
އަލްޖަޒީރާއިން ތައްޔާރުކޮށް ގެނެސްދިން ”ސްޓީލިން ޕެރަޑައިޒް“ގައި ހިމަނާފައި ހުރި މަޢުލޫމާތުތަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބާ ސުވާލުކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީ އިންބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި ގުޅޭގޮތުން އަދީބާއި ސުވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މާފުށީގައި އަދީބު ހުންނަވާ ޖަލަށް އެ ކޮމިޝަނުގެ ޓީމެއް ގޮސްގެން އަދީބާއި ސުވާލު ކުރުމުން ތަޙުޤީޤަށް އަދީބު އެއްބާރުލުން ދެއްވާފައިވާ ކަމަށްވެސް އޭސީސީ އިންބުންޏެވެ.
އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިޒް އާ ގުޅިގެން ވސުވާލުކުރަންޖެހޭ ބަޔަކު ރާއްޖެއިން ބޭރުގައިވެސް އެބަތިބި ކަމަށާއި އެހެންނަމަވެސް އެމީހުންނާ ސުވާލުކުރެވޭނެ ގޮތެއް އަދިނެތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އަލަށް ލިބުނު މަޢުލޫމާތުތަކާއެކު އެމްއެމްޕީއާރްސީގެ ތަޙްޤީޤު ވަރަށް އަވަހަށް ޢާންމު ކުރެވޭނެ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.
އަލްޖަޒީރާގެ ރިޕޯޓުގައި ވާހަކަދައްކާފައިވާ ބައެއް މީހުން އަދީބު ވިދާޅުވެގެން އެކިއެކި ބޭފުޅުންނަށް ފައިސާ ދީފައިވާ ކަމަށް ބުނެފައިވާ އިރު، އޭގެ ތެރޭގައި ސިޔާސީ ބޭފުޅުންނާއި ފުލުހުންނާއި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.



