
ކަސްޓަމްސްގެ ޑިސެމްބަރ 2016ގެތަފާސްހިސާބު ޢާންމު ކޮށްފި
ފާއިތުވި ޑިސެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 32% އިތުރުވެއްޖެއެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ.
ނަމަވެސް 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 17 އިންސައްތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާއިރު، 12 އިންސައްތަ ޗައިނާ އަދި 12 އިންސައްތަ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު ހުސްވި ޑިސެމްބަރ މަހު %9 އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 259 މިލިއަން ރުފިޔާ ލިބިފައިވާއިރު 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ލިބިފައިވަނީ 237 މިލިއަން ރުފިޔާއެވެ.
ފާއިތުވި ޑިސެމްބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު %56 އިންސައްތަ މަތިވެފައެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު 161 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދު ވަނީ 251.2 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޑިސެމްބަރމަހު އެކްސްޕޯޓްކުރި މުދަލުގެ 46 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.
ޑިސެމްބަރުމަހު އިމްޕޯޓު ކުރި މިންވަރު 32% އިތުރު؛
- އެކްސްޕޯޓު ކުރި މިންވަރު %56 އިތުރު؛
- އިމްޕޯޓު ޑިއުޓީ %9 އިތުރު؛



