
ޝައިޚް ޙަސީނާ ޑިސެމްބަރު 16 ގައި ބަންގްލަދޭޝްއަށް ދިއުމަށް މަސައްކަތް ކުރަނީ
ޝައިޚް ޙަސީނާ ޑިސެމްބަރު 16 ގައި ބަންގްލަދޭޝްގެ ޤައުމީ އެއާލައިންގައި އެނބުރި ޤައުމަށް ދިއުމަށް މަސައްކަތް އެބަކުރެ އެވެ.
މަޤާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިންޑިއާގައި އަރުވާލެވިގެން ހުރުމަށްފަހު ޑިސެމްބަރު 16 ގައި އެނބުރި ޤައުމަށް ދިއުމަށް ރާވަމުންދާކަން ޙަސީނާގެ ތަރުޖަމާނު ރޮއިޓާސްއަށް ކަށަވަރުކޮށްދީފި އެވެ.
މި ތާރީޚަކީ 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ނިމުމަކަށް އައި ދުވަހެވެ. ނަމަވެސް ބަންގްލަދޭޝް ސަރުކާރުން ބުނެފައިވަނީ ހަސީނާއަށް އެނބުރި އާދެވޭނީ ހަމައެކަނި ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ހަވާލުކުރެވޭ ކުށްވެރިއެއްގެ ގޮތުގައި ކަމަށެވެ.
ޢުމުރުން 79 އަހަރުގެ ޙަސީނާ އެނބުރި ދިއުމަށް ވަކި ތާރީޚެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ހަސީނާގެ ޕާޓީ މަނާކޮށްފައިވާ އަދި މި މަހުގެ ކުރީކޮޅު ހަސީނާގެ އާ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތަކަށް އެދުމާ ގުޅިގެން ހަމަނުޖެހުންތައް އިތުރުވެފައިވާ ޤައުމުގެ ސިޔާސީ އަދި ޤާނޫނީ މަޝްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެ އެވެ.
މި ނުތަނަވަސްކަން އުފެދިފައި މިވަނީ ފެބްރުއަރީ މަހު މަޤާމާ ހަވާލުވެވަޑައިގަތް ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އޭގެ ތެރޭގައި ޤައުމުގައި ފެތުރެމުންދާ ހިިިމިހިިިރި ބަލިމަޑުކަމާއި، މުސާރަ ބޮޑުކުރުމަށް ގޮވާލައި ގާމެންޓް މަސައްކަތްތެރިން ކުރަމުންދާ މުޒާހަރާތައްހިމެނެ އެވެ.
މަޤާމުން ދުރުވުމަށްފަހު އިންޑިއާއަށް ދިއުމުން ބާތިލުކުރި ލިޔެކިޔުންތައް ހޯދުމުގެ އިތުރުން ހަސީނާ އެނބުރި އައުމުގެ އިންތިޒާމުތައް ބަންގްލަދޭޝްގެ ޤައުމީ އެއާލައިން ”ބީމާން ބަންގްލަދޭޝް“ މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވެސް ޙަސީނާ ވަނީ ސަރުކާރުގައި އެދިފަ އެވެ.
ޙަސީނާގެ ތަރުޖަމާނު ސައްޔިދު މުޒައްމިލް ޢަލީ ނެރުނު ބަޔާނެއްގައި ބުނީ 2024 އޯގަސްޓް 5 ގައި ޝައިޚް ޙަސީނާ އިންޑިއާއަށް ދިޔައީ ބަންގްލަދޭޝްގެ މަތިންދާބޯޓެއްގައި ކަމަށްވާތީ މިހާރު ދިއްލީން އެނބުރި ޑާކާއަށް އައުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާ ޚިލާފަށް ހަސީނާ ޤައުމުން ބޭރުކޮށްފައިވާތީ ނަޞްރުގެ ދުވަސް ކަމަށްވާ ޑިސެމްބަރު 16 ގައި ހަސީނާ އެނބުރި ގެނައުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ނަމަވެސް ބަންގްލަދޭޝް ސަރުކާރުން ބުނަމުންދަނީ ހަސީނާއަކީ ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ދެކޮޅަށް ލާއިންސާނީ ފިޔަވަޅުތައް އެޅުމަށް އަމުރުކުރިކަމުގެ ކުށް ސާބިތުވެ ޣައިރު ހާޒިރުގައި މަރުގެ އަދަބު އިއްވާފައިވާ މީހަކަށްވާތީ އޭނާ ގެނެވޭނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ކަމަށެވެ.
ޙަސީނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.
”ޙަސީނާއަކީ ކުށް ސާބިތުވެފައިވާ ކުށްވެރިއެއް، ފިލައިގެން އުޅޭ ޓެރަރިސްޓެއް،“ ބަންގްލަދޭޝްގެ ފޮރިން އެފެއާޒް ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ރޮއިޓާސްއަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަސީނާ އެނބުރި ޤައުމަށް އާދެވޭނީ ބިޑި އަޅުވައިގެން ފާރަވެރިކަމުގެ ދަށުން ކަމަށެވެ. އަދި ޚާއްޞަ ދަތުރެއް ހަމަޖައްސައިދިނުމަށް އެދުނު އެދުމަށް އެއްވެސް އިޖާބައެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާއިން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވި އެވެ.
ނަމަވެސް ހަސީނާ ހަވާލުކޮށްދިނުމަށް ބަންގްލަދޭޝްއިން އެދިފައިވާ އެދުމަށް ބަލަމުންދާ ކަމަށާއި އާ ސަރުކާރާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް އިންޑިއާއިން ކުރިން ބުނެފައިވެ އެވެ.



