
މެރިކަލްޗަރކުރުމަށް މޫދުކޮށި ވިއްކުމަށް ހުޅުވާލައިފި
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ޞިނާޢަތެއް ބިނާކޮށް ކުރިއެރުވުމަށްޓަކައި މި ދާއިރާއިން ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ވިއްކުމަށް ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރާތްތަކަށް މޫދުކޮށި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ ފާނަ ފަދަ ބާވަތްތައް މޫދުކޮށީގައި ގެންގުޅެ ބޮޑުކޮށްގެން ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ 3 މީޓަރުގެ 8 ގޮޅި (ޖުމްލަ 72 އަކަމީޓަރު) ހިމެނޭ މޫދުކޮށްޓެވެ. މީގެ ތެރޭގައި ކޮށީގެ ފްރޭމާއި، ދާގަނޑުތަކާއި، ވާ އަދި ނަގިލި ހިމެނެ އެވެ.
މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހިންގާ ”ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ“ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: -/20,000 (ވިހި ހާސް) ރުފިޔާ. އެހެނިހެން ފަރާތްތަކަށް: -/40,000 (ސާޅީސް ހާސް) ރުފިޔާ އެވެ.
މި ކޮށިތަކުގެ އަގު ދައްކަން ޖެހެނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބައްލަވައިގަންނަވާ މޫދުކޮށިތައް ކ. މަނިޔަފުށިން ގެންދިއުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަވަންވާނީ ކޮށި ގަންނަ ފަރާތުންނެވެ. މޫދުކޮށި ބައްލަވައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، އެކަމަށް އެދި admin@fishagiocean.gov.mv އަށް އީމެއިލް މެދުވެރިކޮށް އެދުމަށް ވަނީ ހުޅުވާލާފަ އެވެ.



