އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމަށް ޤަޠަރުން ބޭނުންވޭ

ބޮޑުވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ ހޯމަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ބައްދަލުކުރައްވައިފި އެވެ.

ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމަށް ޤަޠަރުން ބޭނުންވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ޤަޠަރުގެ ބޮޑުވަޒީރު ހޯމަ ދުވަހު ވިދާޅުވި ގޮތުގައި އެމެރިކާއާއި އީރާނާ ދެމެދު އިތުރު ހަމަލާ ބަދަލުކުރުންތަކެއް ހިނގުމަކީ މި ސަރަހައްދަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އަދި ހުއްޓިފައިވާ ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް ޤަޠަރުން ބާރުއަޅަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މޭރުމުން ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވީ ވޮޝިންގްޓަންގައި މާކޯ ރޫބިއޯއާ ބައްދަލުކުރެއްވުމަށްފަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

”މެދުއިރުމަތީގެ މިހާރުގެ ހާލަތު އޮތްގޮތުން އެމެރިކާއާއި އީރާނާ ދެމެދު އިތުރު ހަމަނުޖެހުމެއް އުފެދުމަކީ ދެން ތަހައްމަލު ކުރެވޭނެ ކަމެއް ނޫން،“ ބޮޑުވަޒީރު ވިދާޅުވި އެވެ.

އަދި ދޯހާއާއި ވޮޝިންގްޓަނާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

ޤަޠަރަކީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަ ޤައުމެވެ. އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ސަރަހައްދީ މައި މަރުކަޒުވެސް ގާއިމުކޮށްފައިވަނީ އެ ޤައުމުގަ އެވެ.

”އެމެރިކާއާއެކު ބާއްވާ އިސްތިރާތީޖީ މަޝްވަރާތަކަކީ އަޅުގަނޑުމެންގެ ގުޅުމުގެ މައިބަދަ. އަދި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް،“ ތާނީ އަލްޖަޒީރާއަށް ވިދާޅުވި އެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އީރާނުގެ ހަމަލާތައް ތަކުރާރުކޮށް ޤަޠަރަށް އަމާޒުވި އެވެ.

މީގެ ސަބަބުން އެ ޤައުމުގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ހަކަތަ އުފެއްދުމުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ޤައުމުގެ އިގްތިސާދަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.

މީގެ އިތުރުން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ހޯމަ ދުވަހު ވިދާޅުވީ ”ހަނގުރާމައެއް ނެތް ނަމަވެސް ސުލްޙައެއްވެސް ނެތް“ މި ހާލަތު މިގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް އެ ގައުމުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ ބާރުއަޅުއްވާފައިވާ ކަމަށެވެ.

”ދުޝްމަނުން ބޭނުންވަނީ ހަނގުރާމައެއްވެސް އަދި ސުލްޙައެއްވެސް ނެތް ހާލަތެއްގައި އަޅުގަނޑުމެން ބައިތިއްބައިގެން އަޅުގަނޑުމެންގެ ބާރު ކަނޑުވާލަން، މިހާރު އުފެދޭ ސުވާލަކީ، މި ހާލަތުން އަރައިގަންނާނީ ކިހިނެއް، ކާކު މެދުވެރިކޮށް، އަދި ކޮން ފިޔަވަޅުތަކެއް އަޅައިގެންތޯ؟“ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޤާލީބާފް ވިދާޅުވި އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް މި މަހުގެ ކުރީކޮޅު އެއްބަސްވެވަޑައިގެންނެވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކަކީ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވި ސަބަބެކެވެ.

ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ މިންވަރެއް އަދި ސާފެއްނުވެ އެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ޙަޤީޤީ އެއްބަސްވުމެއް ދަޅަ ދައްކާފަ އޮންނަ ކަހަލަ އެއްބަސްވުމެއް ނޫން،“ ހުކުރު ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ބުނެޏެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޓްރެޒަރީން ވަނީ އީރާނުގެ ނުރަސްމީ ބޭންކިންގ ނިޒާމާ ގުޅުންހުރި ފަރާތްތަކަކާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފަ އެވެ.

މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަށް ރައްޔިތަކަށާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ތުރުކީ އަދި ހޮންކޮންގްގައި ހުރި ވިޔަފާރި ކުންފުނިތަކަކަށެވެ.

އެމެރިކާގެ ޓްރެޒަރީން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ އިގްތިސާދީ ގޮތުން އިނދަޖެހިފައިވާ އީރާނުގެ ސަރުކާރަށް މާލީ ގޮތުން އޮތް އެންމެ ފަހުގެ މަގު ބަންދުކުރުމަށް އެޅި ފިޔަވަޅުތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.