
އިރާނުގެ ޤައުމީ ފުޓްބޯޅަ ޓީމު ދަތުރުކުރި ބޯޓު ބަޞަރާއަށް ޖެއްސުން އިރާޤުން މަނާކޮށްފި
އިރާޤުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މި ނިންމުން ނިންމާފައިވަނީ އިރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިރާނުގެ ޤައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން ދަތުރުކުރި ބޯޓު އަންގާރަ ދުވަހު ބަޞަރާ އެއަރޕޯޓަށް ޖެއްސުން އިރާޤުން މަނާކޮށްފައިވާ ކަމަށާއި އިރާޤުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މި ނިންމުމަކީ އިރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅުންހުރި ނިންމުމެއް ކަމަށް ބަޞަރާ އެއަރޕޯޓުގެ ދެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދީފައިވެ އެވެ.
ބަޞަރާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބޯޓު މިހާރު ވަނީ އަނބުރާ އިރާނަށް ގޮސް އާބާދާން އެއަރޕޯޓަށް ޖައްސާފައެވެ. އަދި ޓީމުގެ މެންބަރުން ދެން ބަޞަރާއަށް ދަތުރުކުރާނީ އެއްގަމު މަގުންނެވެ.
އިރާނުގެ ޓީމު އިރާޤަށް ދަތުރުކުރީ ބަޞަރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ޤައުމުގެ މުބާރާތެއްގައި ބައިވެރިވުމަށެވެ. މި މުބާރާތުގައި އިރާނާއި އިރާޤުގެ އިތުރުން ލުބުނާނާއި ފަލަސްޠީނު ބައިވެރިވެއެވެ.
އިރާޤުގެ ސިވިލް އޭވިއޭޝަން އޮފިޝަލަކު ވިދާޅުވީ އިރާޤުން މިފަދަ ނިންމުމެއް ނިންމީ އިރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކަމަށެވެ.
މި ހާދިސާއިން ހާމަވަނީ އިރާޤުގައި ހިންގާ އިރާނުގެ އޭވިއޭޝަން ޚިދުމަތްތަކަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުފޫޒު ގަދަވަމުންދާ މިންވަރެވެ.
ސެޕްޓެމްބަރު 23 ގެ ފަހުން އިރާނުގެ އެއަރލައިންތަކާ އެކު މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އެއްވެސް ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ވޮޝިންގްޓަނުން ވަނީ އިޢުލާނުކޮށްފައެވެ. މީގެ ބޭނުމަކީ މުޅި ދުނިޔޭގައިވެސް އިރާނުގެ މަދަނީ ފްލައިޓްތައް ހުއްޓުވުމެވެ.
ސެޕްޓެމްބަރު މަހު އިރާޤުން ވަނީ ބަޣުދާދު އެއަރޕޯޓަށް ކުރާ އިރާނުގެ ދަތުރުތައް މެދުކަނޑާލުމަށް އަމުރުކޮށްފައެވެ. އެއީ އިރާނުގެ އެއަރލައިންތަކަށް ޚިދުމަތްދޭ އެއަރޕޯޓްތަކާއި އެނޫންވެސް ފަރާތްތަކާ ދެކޮޅަށް ސެކަންޑަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދިނުމާ ގުޅިގެންނެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިންޒާރު ދެއްވާފައިވަނީ އިރާނުގެ އެއަރލައިންތަކަށް ޚިދުމަތްދޭ އެއަރޕޯޓްތަކަށް އެމެރިކާ ޑޮލަރުގެ ނިޒާމުން ބޭރުކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
މި އިންޒާރަކީ އިރާނުގެ ދަތުރުފަތުރާ ބެހޭ ދާއިރާއަށާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރާނުގެ އެއަރލައިންތަކަށް ޚިދުމަތްދޭ ބޭރުގެ ފަރާތްތަކަށް އަމާޒުކޮށް ހުރަސްތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރަމުންދަނީ، އެމެރިކާއާއި އިޒްރޭލުން ފެބްރުއަރީ މަހު އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުންދާއިރު އިޤްތިޞާދީ ގޮތުން އިރާނަށް ބާރުބޮޑުކުރުމުގެ ގޮތުންނެވެ.



