
ސޫރަތުލް ފާތިޙާ: އަޅާ އާއި އިލާހާ ދެމެދު ކުރެވޭ ސީދާ މުޢާމަލާތެއް
ނަމާދަކީ މި ދުނިޔަވީ ހުރަސްތަކުން މީހާ މިންޖުކޮށްދީ މާއްދީ އާލަމުން ބޭރުވެ މަތިވެރި އިލާހީ ޙަޟުރަތަށް މުއުމިނާ އުފުލައިދޭ މުގައްދަސް ގުޅުމެކެވެ.
އަޅުގަނޑުމެން ނަމާދާ މެދު ދެކެންވީ މިފަދަ މަތިވެރި ގޮތަކަށެވެ. މިއީ އަޅުގަނޑުމެންނަށް ލިބިފައިވާ އަގުނުކުރެވޭ ފަދަ ހަދިޔާއެކެވެ. މި ހަދިޔާގެ ބޭނުން ހިފުމާއި ނުހިފުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ.
މި ޒަމާނުގެ ދުނިޔެ ބައްޓަންވެފައިވަނީ އިންސާނާގެ ހިތް ހަރުކޮށް ދީނީ ކަންކަމުގައި ލޯތައް ކަނުކޮށް ކަންފަތްތައް ބީރުކުރާ ފަދަ ގޮތަކަށެވެ.
ޝައިޠާނާގެ ވަސްވާސްތަކާއި އޭނާގެ އުކުޅުތަކަށް ހުދޫދެއް ނެތެވެ. އޭނާގެ ލަޝްކަރުތައް އަބަދުވެސް މަސައްކަތް ކުރަމުންދަނީ އިންސާނާ އުފެދުމުގެ އަސްލު މަގްސަދުން އޭނާ އެއްކިބާކުރުމަށެވެ. ބައެއް މީހުން ނަމާދު ކުރާއިރު، އަނެއްބަޔަކު ނަމާދެއް ނުކުރެއެވެ.
ބައެއް މީހުން ނަމާދު ކުރަނީ އެއަށްވުރެ މުހިންމު ކަމެއް އޮވެގެން އުޅޭ ފަދައިން އަވަސްއަރުވާލުމެއްގެ ތެރޭގައެވެ. އަދި އަނެއް ބަޔަކު ނަމާދުގެ މަތިވެރިކަން ގަބޫލުކުރާ ހާލުވެސް އެއްވެސް އިހުސާސެއް ނެތް އާދައިގެ މެކޭނިކަލް ހަރަކާތްތަކެއްގެ ގޮތުގައި ނަމާދު ފުރިހަމަކުރެއެވެ.
ޚުޝޫޢަތްތެރިކަން ހޯދުމާއި އޭގެ އެންމެ މަތީ ދަރަޖައަށް ވާސިލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް ވަގުތީ އުފަލާއި ލައްޒަތަށް މީހާ ހޭނިފައިވާ މި ޒަމާނުގައި ޙަޤީޤީ ރޫޙާނީ އުފާވެރިކަން ވަނީ ބީވެފައެވެ. އެހެނަސް މާޔޫސްވާކަށް ނުޖެހެއެވެ. އެނބުރި އައުމުގެ މަގު އަދިވެސް އެބައޮތެވެ.
އަޅުގަނޑުމެން އުފެއްދެވި އިލާހަކީ އިންސާނިއްޔަތަށް ފޮނުއްވި އެންމެ މަތިވެރި ސޫރަތް ކަމުގައިވާ ސޫރަތުލް ފާތިޙާގެ ވެރި ރަސްކަލާނގެއެވެ.
މި ސޫރަތަކީ އަޅާ އާއި އޭނާ އުފެއްދެވި އިލާހާ ދެމެދު ކުރެވޭ ސީދާ މުއާމަލާތެކެވެ. ނަމާދު ކުރާއިރު މިކަމާ މެދު ފުންކޮށް ވިސްނާލުމަކީ ނަމާދުގެ ފެންވަރު މަތިކޮށް ދުނިޔަވީ ހަލަބޮލިކަމުގެ ތެރެއިން ހިތްތިރިކަމާއި ސަމާލުކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
ޞަޙީޙު ރިވާޔަތެއްގައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
މާތްﷲ ވަޙީކުރެއްވިއެވެ. ”ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާ އާ ދެމެދު ނަމާދު (އެބަހީ: ސޫރަތުލް ފާތިޙާ) ދެބަޔަށް ބައްސަވާލެއްވީމެވެ. އޭގެ އެއްބަޔަކީ ތިމަންރަސްކަލާނގެ އަށެވެ. އަދި އަނެއް ބަޔަކީ ތިމަންރަސްކަލާނގެ އަޅާއަށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ އެދޭ ކޮންމެ ކަމެއް އޭނާއަށް ލިބޭނެއެވެ.“
އަޅާ (الحمد لله رب العالمين) (ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި اللَّه އަށެވެ.) ކިޔުމުން މާތްﷲ ވަޙީކުރައްވައެވެ. ”ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ޙަމްދުކޮށްފިއެވެ.“
އަޅާ (الرحمن الرحيم) (އެކަލާނގެއީ ރަޙްމާނުވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ.) ކިޔުމުން މާތްﷲ ވަޙީކުރައްވައެވެ. ”ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ޘަނާ ކިޔައިފިއެވެ.“
އަޅާ (مالك يوم الدين) (ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެއެވެ.) ކިޔުމުން މާތްﷲ ވަޙީކުރައްވައެވެ. ”ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ މަތިވެރިކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ އަޅާ އޭނާގެ ހުރިހާ ކަމެއް ތިމަންރަސްކަލާނގެއާ ވަކީލުކޮށްފިއެވެ.“
އަޅާ (إياك نعبد وإياك نستعين) (އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.) ކިޔުމުން މާތްﷲ ވަޙީކުރައްވައެވެ: ”މިއީ ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާ އާ ދެމެދުގައިވާ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ އަޅާ އެދޭ ކޮންމެ ކަމެއް އޭނާއަށް ލިބޭނެއެވެ.“
އަޅާ (اهدنا الصراط المستقيم، صراط الذين أنعمت عليهم، غير المغضوب عليهم ولا الضالين) (އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! އެއީ އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.) ކިޔުމުން މާތްﷲ ވަޙީކުރައްވައެވެ. ”މިއީ ތިމަންރަސްކަލާނގެ އަޅާ އަށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ އެދޭ ކޮންމެ ކަމެއް އޭނާއަށް ލިބޭނެއެވެ.“
(ޞަޙީޙު މުސްލިމް: 395)
މި ބަސްފުޅުތަކާ މެދު އަލުން ވިސްނާލުން ހުއްޓެވެ. މިއީ ކިހާ މަތިވެރި ކަމެއްތޯއެވެ! ތިބާ އުފެއްދެވި އިލާހު ތިބާއާ ސީދާ މުއާމަލާތް ކުރެއްވުމަށް އިޚްތިޔާރު ކުރައްވައެވެ. އެކަލާނގެ ތިބާގެ އަޑު އައްސަވައެވެ. އަދި ތިބާއަށް ޖަވާބު ދެއްވައެވެ. މިއަށްވުރެ ބޮޑު ޝަރަފެއް އޮންނާނެތޯއެވެ؟
ދެން ފަހަރަކުން ނަމާދަށް އަރާއިރު އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވަމެވެ:
- ތިބާގެ ވެރި ރަސްކަލާނގެ ހަޟުރަތުގައި ކުރާ އެންމެ ފަހު ނަމާދު ކަމަށް ހިތަށް ގެންނާށެވެ. ކީރިތި ރަސޫލާ ﷺ ވަނީ ވަދާޢީ ނަމާދެއް ކުރާ ފަދައިން ނަމާދު ކުރުމަށް އިރުޝާދު ދެއްވާފަ އެވެ.
- ތިބާ ކިޔާ އެއްޗަކާ މެދު ވިސްނާށެވެ. އަދި މަޑުމަޑުން ކިޔަވާށެވެ. އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ސިފަކުރައްވާފައިވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ސޫރަތުލް ފާތިޙާ ކިޔަވައިވިދާޅުވަނީ ކޮންމެ އާޔަތަކަށް ފަހު މަޑުޖެހިވަޑައިގަންނަވަމުންނެވެ.
- މާތްﷲގެ ޖަވާބަށް އިންތިޒާރު ކުރާށެވެ. އަޅުގަނޑުމެން މުޅި ދުވަހު އިންތިޒާރު ކުރަނީ މެސެޖުތަކާއި އީމެއިލްތަކުގެ ޖަވާބަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފަސް ފަހަރު ހުރިހާ އާލަމްތަކުގެ ވެރި ރަސްކަލާނގެ އަޅުގަނޑުމެންނަށް ޖަވާބު ދެއްވުމަށް އިންތިޒާރު ކުރައްވައެވެ.
އަޅުގަނޑުމެން އެންމެންނަށް ނަމާދުގެ ޙަޤީޤީ ފޮނިކަން މިންވަރުކުރައްވައި އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް މާތްﷲ ގަބޫލުކުރައްވާށިއެވެ. އާމީން.



