
ޑރ. މުއިއްޒުގެ ޙަޔާތުގެ ބާކީބައި އޮންނާނީ ޖަލުގަ – މަލީހު
ރަސްމާލެ މަޝްރޫއުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިންގަވާ ކަމަށް ތުހުމަތުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ މާފުށީ ޖަލުގައި ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
”ދިވެހިންގެ ބިން ދިވެހީންނަށް“ ހަރަކާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ރަސްމާލެ ވައްކަމުގައި ހަގީގީ ބައިވެރިއަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ، ސިވާކުމާރަން މަނިވަނަމް (ރާޖޫ) ކަމަށެވެ. އޭނައަށް 21 ބިލިއަން ޑޮލަރަށް ރަސްމާލެ ދީފައި ފަހުން އެ ޕްރޮޖެކްޓު ރާޖޫ އަތުން އަތުލީ އޭނާއާ އެހެން ޑީލުތަކެއް ހަދައިގެން ކަމަށެވެ.
އެއަށްފަ އެ ޕްރޮޖެކްޓް ޒަޔަނިސްޓުންނަށް ފަންޑުކުރާ އަލްއައްބާރަށް ދިނުމުގައިވެސް ކޮރަޕްޝަން އެކުލެވޭތީ އެކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށް މަލީހު ގޮވާލެއްވިއެވެ. އަދި އިންސާފުވެރި ޝަރީއަތެއް ހިންގައި ރައީސް މުއިއްޒުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މެންބަރު އިބްރާހިމް ޝުޖާއު ފަދަ ބޭފުޅުން ވެސް ޖަލަށް ދާންޖެހޭނެ ކަމަށް މަލީހު ވިދާޅުވި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ޤަުމުގެ ދިފާއުގައި ބާއްވާ ބޮޑު އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުން ރައްޔިތުން މާލެ އައުމަށް މަލީހު ވަނީ ގޮވާލައްވާފަ އެވެ.



