
ސަޢޫދީއަށް ހަމަލާތަކެއް ދީފައިވާނެ ކަމަށް ހޫޘީން ބުނެފި
ސަޢޫދީގެ ތެޔޮ ރިޒާވްތަކާއި، ސިފައިންނާއި، ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށް ހޫޘީން ބުނެފި އެވެ.
ޔަމަނުގެ ހޫޘީން ހާމަކޮށްފައިވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ރިޒާވްތަކާއި، ރިޔާދު އެއާޕޯޓާއި، ސިފައިންނާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އަސްކަރީ 6 އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ.
މި ހަމަލާތަކުގައި ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްފައިވާ ކަމަށް އެ ޖަމާޢަތުން ބުނެ އެވެ. އަދި ހަމަލާތައް ވަރުގަދަކުރާ ނަމަ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ނަމަވެސް ސަޢޫދީ ޢަރަބިއްޔާއިންނާއި ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން މި ހަމަލާތަކާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއްނުވެ އެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސަޢޫދީ އާއި ޔަމަނުގައި ހުރި ތެޔޮ ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތަކާއި ސިފައިން ތިބޭ ސަރަހައްދުތަކަށް އަމާޒުކޮށް އަސްކަރީ 6 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރީއު ވިދާޅުވީ މި އޮޕަރޭޝަންތަކުގައި ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލްގެ އިތުރުން ޑްރޯން ބޭނުންކޮށްފައިވާ ކަމަށެވެ.
އޭނާ ދައުވާކުރި ގޮތުގައި ހަމަލާ ދިން ތަންތަނުގެ ތެރޭގައި ރިޔާދުގައި ހުންނަ ސަޢޫދީ އަރަމްކޯގެ ތެޔޮ ވަސީލަތްތަކާއި ރިޔާދު އެއާޕޯޓާއި ސަޢޫދީ-ޔަމަން ބޯޑަރުގެ ދެފަރާތުގައި ތިބި ސަޢޫދީ ސިފައިންނާއި އަސްކަރީ މަރުކަޒުތައް ހިމެނެ އެވެ.
ސަރީއު އިތުރަށް ވިދާޅުވީ ސަޢޫދީގެ އެތެރޭގައި އެ ޖަމާއަތުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށާއި ސަޢޫދީ ސިފައިންނާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.
”އަހަރެމެން ސަޢޫދީގެ އެތެރެއަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނަން. ބަންދުކުރުމަށް ބަންދުކުރުން، އަދި ހަމަލާ ވަރުގަދަކުރުމަށް ހަމަލާ ވަރުގަދަކުރުމުގެ އުސޫލު ހިފަހައްޓައި ސަޢޫދީ ސިފައިންނާއި އޮފިސަރުންނަށް އަމާޒުކުރާނަން،“ އޭނާ ވިދާޅުވި އެވެ.
ސަޢޫދީ ކަމާބެހޭ ފަރާތްތަކުންނާއި ޔަމަނުގެ ސަރުކާރުން މި ހަމަލާތަކާ ގުޅޭގޮތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއްނުވެ އެވެ.
މި ދައުވާތައް މިނިވަން ފަރާތްތަކުން އަދި ކަށަވަރުކޮށްފައި ނުވާއިރު މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމެއް ނުވަތަ މީހަކަށް އަނިޔާއެއް ލިބުނުކަން ވެސް އަދި ޔަގީންކުރެވިފައެއްނުވެ އެވެ.



