
މައްކާ ދިފާޢުކުރުމުގެ އެއްބަސްވުމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހުން ރުހުންދީފި
މައްކާ ދިފާޢުކުރުމުގެ އެއްބަސްވުމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދިނުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއަށް ތުރުކީގެ ސިފައިން ފޮނުވުމާ ގާތަށް ފިޔަވަޅުތަކެއް އަޅައިފި އެވެ.
ނަމަވެސް ސަޢޫދީގައި ތުރުކީ ސިފައިން ޙަރަކާތްތެރިވުމާ ގުޅޭ ޤާނޫނީ އިންތިޒާމުތައް ފުރިހަމަކޮށް ސިފައިން ފޮނުވުމުގެ ހުއްދަ މަޖިލީހުން އަދި ހޯދަންޖެހެ އެވެ.
މައްކާ ދިފާޢުކުރުމުގެ އެއްބަސްވުމަށް ތުރުކީގެ މަޖިލީހުން ރުހުން ދިނީ މިއަދު ހެނދުނު އެވެ.
މިއީ މިކަމަށް ބޭނުންވާ ޤާނޫނީ މަރުޙަލާގެ މުހިންމު ބައެކެވެ. މި ބިލަށް 279 މެންބަރުން ތާއީދުކުރެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ 119 މެންބަރުންނެވެ.
މީގެ ތެރޭގައި ވެރިކަންކުރާ އޭ.ކޭ.ޕީ އާއި އެކޯލިޝަންގައި ހިމެނޭ އެމް.އެޗް.ޕީ ގެ އިތުރުން އިދިކޮޅު ސީ.އެޗް.ޕީ ގެ ތާއީދުވެސް ލިބިފައިވެ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މި ހަފުތާގެ ތެރޭގައި މި ޤާނޫނު ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އޯގަސްޓް މަހު ތުރުކީ ޕާކިސްތާން އަދި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މީގެ ތެރެއިން އެއް ޤައުމަކަށް ދޭ ޙަމަލާއަކީ ތިން ޤައުމަށް ދެވޭ ޙަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ.
އެއްބަސްވުމުގައި ވަކި ޤައުމެއްގެ ނަން ބަޔާންކޮށްފައި ނުވި ނަމަވެސް ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަން އަންނަ ފަދަ ޢުދުވާނެއް ކުރިމަތިވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިޤުރާރުވެފަ އެވެ.
16 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫނެވެ. އެހެންނަމަވެސް އެއްބަސްވުމުން ވަކިވެވޭނީ ޢަމަލުކުރަން ފަށާތާ 10 އަހަރު ފަހުން މަދުވެގެން 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހުގަ އެވެ.
މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ޤައުމުގެ މަޝްވަރާ ބައްދަލުވުމުގެ ކުރިން ތިން ޤައުމުންވެސް މި އެއްބަސްވުން ރަސްމީކޮށް ތަޞްދީޤުކުރުމަށް ވަނީ ނިންމާފަ އެވެ. ޕާކިސްތާނާއި ސަޢޫދީން މިހާރު ވަނީ މިކަން ފުރިހަމަކޮށްފަ އެވެ.
ތުރުކީގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި ދެން އޮތް މަރުޙަލާއަކީ ޔަމަނުގެ ޙޫޘީންގެ ޙަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށްޓަކައި ތުރުކީގެ ސިފައިން އެ ޤައުމަށް ފޮނުވުމުގެ ހުއްދަ މަޖިލީހުން ހޯދުމެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވީ ސަޢޫދީއަށް ފޮނުވާ ސިފައިންނަކީ ހަމައެކަނި ދިފާޢީ ބޭނުމަށް ފޮނުވާ ބައެއް ކަމަށާއި އެމީހުން ޔަމަނުގެ އެތެރޭގައި އެއްވެސް ޙަރަކާތެއް ނުހިންގާނެ ކަމަށެވެ.
މީގެ އިތުރުން ސަޢޫދީގައި ތިބޭ ސިފައިންގެ ޤާނޫނީ ދަރަޖަ ކަނޑައެޅުމަށްޓަކައި އިތުރު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސިފައިންނަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި ޓެކުހާއި އެތެރެވުމާއި ބޭރުވުމުގެ އިޖުރާއަތްތައް ހިމެނެ އެވެ.
މިކަމާ ގުޅޭ މަޝްވަރާތައް ނިމިފައިވާކަން އަދި ސާފެއްނުވެ އެވެ



