
އެމެރިކާގެ މިޑްޓާމް އިންތިޚާބު: ރެކޯޑް އަދަދަކަށް ބުރުގާ އެޅި އަންހެނުން އިންތިޚާބުވެއްޖެ
އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ދައުލަތުގެ މަތީ މަގާމުތަކަށާއި ގައުމީ ފެންވަރުގެ މަގާމުތަކަށް ރެކޯޑް އަދަދަކަށް ބުރުގާ އެޅި އަންހެނުން އިންތިޚާބުވެއްޖެއެވެ.
އެމެރިކާގައި އިސްލާމްދީނާ ދެކޮޅު ނަފްރަތު އިންތިހާއަށް އޮތް ދަނޑިވަޅެއްގައި ފެންނަ ފެނުމަށް އިސްލާމްދީން ރަމްޒުކޮށްދޭ ބޭފުޅަކު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަމްސީލުކުރުމަކީ ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެ ކަމެކެވެ.
އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުން ފެނިގެންދިޔައީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ކާމިޔާބީތަކެކެވެ.
މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ގުޅިގެން މުޅި ޤައުމުގައި އުފެދުނު ނުރުހުމުގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށް ބެލެވެ އެވެ.
މި އިންތިޚާބުގައި ސްޓޭޓް ސެނެޓަށް ހަތަރު ބޭފުޅަކު އަދި އެމެރިކާގެ ކޮންގްރެސްއަށް އެއް ބޭފުޅަކު އިންތިޚާބުވެފައިވާއިރު މިއީ ހުސް ބުރުގާ އަޅައިގެން ތިއްބެވި އަންހެން ބޭފުޅުންނެވެ.
މިއީ އެމެރިކާގެ ތާރީޚުގައިވެސް މިހާ ގިނަ އަދަދެއްގެ ބުރުގާ އެޅި ބޭފުޅުން އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
ވަކިން ޚާއްޞަކޮށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕްގެ ސަރުކާރު އައިފަހުން އިސްލާމްދީނާ ދެކޮޅަށް ފަތުރަމުންދާ ހަރުކަށި ވާހަކަތަކާއި ކުރިމަތިވަމުންދާ އިންޒާރުތަކަށް ބަލާއިރު މިއީ ވަރަށް އާދަޔާ ޚިލާފު ނަތީޖާއެކެވެ.
މިއީ އެ ބޭފުޅުންގެ ސިފައަށް ބަދުބަސް ބުނެ މީޑިއާތަކާއި ރިޕަބްލިކަން ޕާޓީގެ ބޭފުޅުންނާއި ސޯޝަލް މީޑިއާގައި ހަނގާކުރާ ފަރާތްތަކުން އަމާޒުފަތްގަނޑަކަށް ހަދާފައިވާ އަންހެނުންތަކެކެވެ.
މުސްލިމް ޕަބްލިކް އެފެއާޒް ކައުންސިލް އިން މިދިޔަ ހަފްތާގައި ވަނީ އެމެރިކާގައި ހަރުކަށި ފިކުރުގެ މީހުން އިސްލާމްދީނާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް އިތުރުކުރަން ޖެހި އޭގެ ސަބަބުން އެމެރިކާގެ މުސްލިމުން ވޯޓުލާން ނުކުތުމަށް ފަސްޖެހިދާނެ ކަމުގެ ބިރު އޮތެވެ.
ނަމަވެސް ވޯޓުލީ މީހުންގެ ތަފްސީލީ ތަފާސްހިސާބުތައް އަދި ދިރާސާކުރަމުން ދިޔަ ނަމަވެސް ފެންނަ ފެނުމަށް މުސްލިމްކަން ހާމަވާ ޒުވާން އަންހެނުންތަކެއް މިވަނީ އަމިއްލައަށް ކަންކަމާ ހަވާލުވެ އިންތިޚާބީ މަގާމުތަކަށް ހޮވިފަ އެވެ. މި ހުރިހާ ބޭފުޅުންނަކީވެސް ޑިމޮކްރެޓިކް ޕާޓީގެ ފިކުރުގެ ބޭފުޅުންނެވެ.
ކޮންޒަވޭޓިވް ސްޓޭޓެއްގެ ގޮތުގައި ބެލެވޭ ޖޯޖިއާގައި ސްޓޭޓް ރެޕްރެޒެންޓެޓިވް ރުވާ ރޮމްމާން ވަނީ ސްޓޭޓް ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ.
މިއީ އެ ސްޓޭޓުން ޔަހޫދީ ސެނެޓަރަކު އަލުން އިންތިޚާބުވެ އަދި ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ އަންހެނަކު ގަވަރުނަރުގެ މަގާމަށް ހޮވުނު އިންތިޚާބެވެ.
ރުވާ ރޮމްމާން އަކީ ކުރިންވެސް އެ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހަށް ހޮވުނު ބުރުގާ އެޅި ފުރަތަމަ މުސްލިމް އަންހެނާ އެވެ.
2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރޮމްމާން އަށް ޤައުމީ ސަމާލުކަން ލިބުނެވެ. އެއީ ފަލަސްތީނަށް ތާއީދުކުރާ ޑިމޮކްރެޓުން ޕާޓީގެ ކޮންވެންޝަންގައި ފަލަސްތީނުގެ ބޭފުޅަކު ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް އެދުމުން އެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ.
ކާފަ ގުދުސްއަށް އުފަންވި ރޮމްމާން އަކީ އެ ފުރުސަތު ދިންނަމަ ވާހަކަ ދައްކަވަން ހަމަޖެހިފައި އޮތް ބޭފުޅާ އެވެ. އޭރު އޭނާ ހުންނެވީ އިންތިޚާބީ މަގާމެއްގައި ހުންނަވާތާ ދެ އަހަރުވެފަ އެވެ.
އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކަށް ބައިޑަންގެ ސަރުކާރުން ފުރިހަމައަށް ތާއީދުކުރުމުގެ ސަބަބުން ޒުވާން ވޯޓުލާ މީހުންގެ މެދުގައި ޑިމޮކްރެޓުންނަށް އޮތް ތާއީދު ކުޑަވެގެން ދިޔަ އެވެ.
އދ. އާއި ހޮލޯކޯސްޓްގެ އިލްމުވެރިން މިހާރު މި ހަމަލާތައް ސިފަކުރަނީ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގަ އެވެ.
މިކަމުގެ ސަބަބުން އިންތިޚާބުގައި ޑިމޮކްރެޓުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ.



