
އެ ހޮހަޅައަކީ ރަޙްމަތުން ފުރިގެންވާ، ނޫރުން އަލިވެފައިވާ އަދި ބަރަކާތް އޮހެމުންދިޔަ ތަނެއް (1)
އެބައިމީހުން ތިބީ ހޮހަޅައެއްގެ ތެރޭގައެވެ. އެތަނުގެ އަނދިރިކަމާއި، ނުތަނަވަސްކަމާއި، ބިރުވެރިކަން ހިތަށް ގެންނަވާށެވެ.
ނަމަވެސް އެ ހޮހަޅައަކީ ރަޙްމަތުން ފުރިގެންވާ ނޫރުން އަލިވެފައިވާ އަދި ބަރަކާތް އޮހެމުންދިޔަ ތަނެކެވެ.
މީގެ އިދިކޮޅަށް ދުނިޔޭގެ އަނދިރި ހޮހަޅަތަކާއި ބަލިކަށި ދިރިއުޅުމާއި ވަގުތީ އުފާފަތަކުގެ ތެރޭގައި އުޅެމުންދާ ކިތަންމެ ބަޔަކުވެސް އުޅެ އެވެ.
މީގެ އަސްލަކީ އީމާންކަން ކުޑަވުމާއި ދުނިޔޭގެ މަސައްކަތްތަކުގައި ޣާފިލުވެ ޝަރީޢަތަށް ފުރަގަސްދީ ބާޠިލު ކަންތައްތަކާއި އަގުހުރި އެއްޗެއް ނެތް ދުނިޔޭގެ މުދަލަށް ދަހިވެތިވުމެވެ.
މިފަދަ އަގުނެތް ކަންކަމުގައި އެކަކު އަނެކަކާ ވާދަކޮށް ހަލާކުވެގެންދިޔަ މީހުންގެ ކިބައިން އެބައިމީހުން އިބުރަތެއް ލިބިނުގަތެވެ.
އެބައިމީހުން އެ ބޮޑު ދުނިޔޭގެ ނުތަނަވަސްކަމުން (ކުފުރުގެ އަނދިރިކަމުން) ރެކިގަނެ ހޮހަޅައަށް ހިޖުރަކުރި އެވެ.
ނަތީޖާއެއްގެ ގޮތުން މާތްﷲ އެބައިމީހުންގެ މައްޗަށް ރަޙްމަތާއި ބަރަކާތް އޮއްސެވި އެވެ. މާތްﷲ ވަޙީކުރައްވާފައިވެ އެވެ.
{…ތިޔަބައިމީހުން ހޮހަޅައަށް ވަންނާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ރަޙްމަތް ފަތުރުއްވައިދެއްވާނެތެވެ.} [އަލްކަހްފު: 16]
މާތްﷲގެ ދީލަތިވަންތަކަމާއި ބަރަކާތާމެދު ފިކުރުކޮށްލައްވާށެވެ. އެކަލާނގެ އެ ޒުވާނުންނަށް ހެޔޮ ޖަޒާ ދެއްވައި އެބައިމީހުންގެ އިންތިހާ ބިރުވެރިކަން އަމާންކަމާއި ހިދާޔަތަށް ބަދަލުކޮށްދެއްވީ ކިހިނެއްތޯ އެވެ؟
އެބައިމީހުން ވަރުބަލިކަމާއެކު ދިޔަ ހޮހަޅަ މާތްﷲގެ ބަރަކާތާއެކު ވެގެންދިޔައީ ވަރުބަލިކަމުން ލިބުނު އަރާމަކަށާއި ތަކުލީފުތަކުން ލިބުނު ލުޔަކަށާއި ހިތްގައިމު ހަމަޖެހުމަކަށެވެ.
އެބައިމީހުންގެ ހިތާމަތައް ފިލައި ބިރުވެރިކަން ނެތިގޮސް އޭގެ ބަދަލުގައި އަމާންކަމާއި ތަނަވަސްކަން ލިބުނެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ {…އަދި ތިޔަބައިމީހުންގެ ކަންތަކުގައި ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތްތަކެއް އެކަލާނގެ ތައްޔާރުކޮށްދެއްވާނެތެވެ.} [އަލްކަހްފު: 16]
ޤުދުސީ ޙަދީޘެއްގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ”އޭ އާދަމުގެ ދަރިޔާއެވެ! ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް ހުސްވެގަންނާށެވެ.
އޭރުން ތިމަންރަސްކަލާނގެ ކަލޭގެ ހިތް ފުދުންތެރިކަމުން ފުރުއްވައި ކަލޭގެ ފަގީރުކަން ފިއްލަވައިދެއްވާނަމެވެ. އެހެންނޫންނަމަ ތިމަންރަސްކަލާނގެ ކަލޭގެ ހިތް ދުނިޔޭގެ މަޝްޣޫލުކަމުން ފުރުއްވައި ކަލޭގެ ފަގީރުކަން ނުފިއްލަވާނަމެވެ.“
އެ ހޮހަޅައަކީ އެބައިމީހުންގެ ވަށައިގެން ބަރަކާތާއި ހެޔޮކަން ލައްވައި ބިރުވެރިކަން ފިއްލަވައި މަގުއޮޅުމަށްފަހު އެއްތަންކޮށްދީ ބަނޑުހައިހޫނުކަން ފިލުވައިދިން އަޖައިބެއްފަދަ ހިޔާވައްސެކެވެ. އެއީ އެބައިމީހުންނަށް ލިބުނު އެންމެ ހެޔޮ މެހުމާންދާރީ އެވެ.
އެބައިމީހުން ހޮހަޅައަށް ދިޔައީ އީމާންކަމުގެ ނޫރުގެ މަގުދެއްކުމާއެކުގައެވެ. މާތްﷲއަށް ކުރި ވަކީލަކީ އެބައިމީހުންގެ ބާރެވެ. އެބައިމީހުންގެ ދޫތައް އަބަދުވެސް ވަނީ މާތްﷲ ހަނދުމަކުރުމުން ތެތްވެފަ އެވެ.
މާތްﷲ އެކަލާނގެ އަޅުން ރައްކާތެރިކުރައްވައި ދީން ކުރިއަރުއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައިމީހުންނަށް އޮތެވެ.
އެބައިމީހުން ހޮހަޅައިން ހިމާޔަތް ހޯދީ ހޭލުންތެރިކަމާއި ޢިލްމާއި ހިތްވަރާއި ފަންވަރާއެކުގަ އެވެ.
ހާލަތަކަށް ނުވަތަ އަނިޔާވެރި ވެރިންގެ ބާރަކަށް އެބައިމީހުން ބިރެއް ނުގަނެ އެވެ.
އެއްވެސް ޖެހިލުމެއް ނެތި ހައްޤު ބަސް ބުނެ އެކަމަށް އިޢުތިރާފުވި އެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: {އެބައިމީހުން (އަނިޔާވެރި ރަސްގެފާނުގެ ކުރިމަތީގައި) ތެދުވެ ތިބެ ބުނިހިނދުގައެވެ. ”އަހަރެމެންގެ ވެރިރަސްކަލާނގެއީ އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއެވެ.“} [އަލްކަހްފު: 14]
ނުނިމޭ…
މާދަމާ ރޭވެސް ނިދާގަޑިއަށް (10:30) ދެވަނަބައި އަންނާނެ إن شاء الله



