
ހުކުރުގެ ކުރިން ކޮންމެހެން ހަނދާންކޮށްލަންޖެހޭ ބައެއް ކަންކަން
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ހުކުރު ދުވަހު މިސްކިތަށް ދަނީ އަޅުކަމުގެ ނިޔަތަށްވުރެ ބޮޑަށް، އާދަކާދައެއްގެ ގޮތުންނެވެ.
ނަމަވެސް ހުކުރު ނަމާދާއި އެހެނިހެން ހުރިހާ އަޅުކަމެއްގައިވެސް ނިޔަތަކީ އޭގެ މުހިންމު ޝަރުޠެކެވެ.
މީގެ އިތުރުން ގިނަ ބަޔަކު ރޭގަނޑު މާ ލަސްވަންދެން ހޭލައި އުޅުމުގެ ސަބަބުން ފަތިސް ނަމާދު އެޅި ބޮޑުވެގެންވާ ފާފައަކުން ދުވަސް ފަށާކަން ފާހަގަކުރެވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތުގައި، ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތްވެގެންވާ ނަމާދަކީ ހުކުރު ދުވަހުގެ ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމެވެ.
ނޭނގިތިބެ ނުވަތަ ފަރުވާކުޑަކަމުން ކުރެވޭ ބައެއް ކުށްތަކުގެ ތެރޭގައި ހިމެނެނީ:
ހުކުރު ޚުޠުބާއަށް ސަމާލުކަން ނުދިނުމާއި ޚުޠުބާ ދެމުންދަނިކޮށް ނުވަތަ ނަމާދަށް ޤާމަތްދޭ ފަހުން މިސްކިތަށް އައުން.
ހުކުރު ނަމާދު ދޫކޮށްލުން ނުވަތަ އެކަމަށް ފަރުވާކުޑަކުރުން.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
”ހުކުރު ނަމާދު ދޫކޮށްލާ މީހުން އެކަން ހުއްޓާލާ ހުށީއެވެ. ނޫންނަމަ، ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި، އެބައިމީހުންނީ ޣާފިލުވެފައިވާ ބަޔަކު ކަމުގައި ލައްވާނެއެވެ.“ [މުސްލިމް].
ހުކުރު ދުވަހުގެ ހިނައިގަތުމާއި ހުވަަނދުލުމާއި ރީތި ހެދުން އެޅުމާއި އަދި ދަތްއުނގުޅުމަށް އިހުމާލުވުން.
ހުކުރު ބަންގި ގޮވުމަށްފަހު ވިޔަފާރިކުރުމާއި އެހެނިހެން މުޢާމަލާތްތަކުގައި މަޝްޣޫލުވުން.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ ތިޔަބައިމީހުން ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމަށާއި ނަމާދަށް) އަވަސްވެގަންނާށެވެ! އަދި ވިޔަފާރިކުރުން ދޫކޮށްލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.“ [ސޫރަތުލް ޖުމުޢާ: 9]. އިބްނު ޢައްބާސް رضي الله عنه ވިދާޅުވެފައިވަނީ އެ ވަގުތު ވިޔަފާރިކުރުމަކީ ޙަރާމްކަމެއް ކަމަށެވެ.
ބައެއް މީހުން ހުކުރު ދުވަހު ތުނބުޅި ބޭލުމަކީ ސާފުތާހިރުވުމުގެ ގޮތުން ކުރެވޭ ރަނގަޅު ކަމެއް ކަމަށް ހީކޮށް އެ ފާފައަށް އަރައިގަނެ އެވެ.
މިސްކިތުގެ އެތެރޭގައި ޖާގަ އޮއްވައި މިސްކިތުގެ ގޯތިތެރޭގައި އިށީނދެގެން ތިބުން.
މީހުން ތަންތަނުން ތެދުވުމަށް ބުނެ އެ މީހުންގެ ތަނުގައި އިށީނުން. ޖާބިރު رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ.
”ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ހުކުރު ދުވަހު އޭނާގެ އަޚާ އިން ތަނުން ތެދުވުމަށް ބުނެ އެތަނުގައި އިށީނދެގެން ނުވާނެ އެވެ. ނަމަވެސް ’ޖާގަ ދޭށޭ‘ ބުނާށެވެ.“ [މުސްލިމް].
މީހުންގެ ކޮނޑުމަތިން ހުރަސްކުރުމާއި މީހުންގެ ދެމެދަށް ވަދެގަނެ ބާރުގެ ބޭނުންކޮށްގެން ޖާގަ ހޯދުމާއި މީހުން ތޮއްޖެހޭ ގޮތަށް އުނދަގޫކުރުން.
ޚުޠުބާ ދެމުންދަނިކޮށް މީހުންގެ ކޮނޑުމަތިން ހުރަސްކުރި މީހަކަށް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ތިޔަވަނީ މީހުންނަށް އުނދަގޫކޮށްފައެވެ.“
ބާރަށް ވާހަކަދެއްކުން ނުވަތަ ބާރަށް ޤުރްއާން ކިޔެވުމުގެ ސަބަބުން ނަމާދުކުރާ މީހުންނަށް ނުވަތަ ޤުރްއާން ކިޔަވާ އެހެން މީހުންނަށް އުނދަގޫވުން.
ޝަރުޢީ އުޒުރެއް ނެތި ބަންގި ގޮވުމަށްފަހު މިސްކިތުން ބޭރަށް ދިއުން.
ޚަޠީބު ދައްކަވާ ވާހަކަފުޅަށް ސަމާލުކަން ނުދިނުން.
ދެ ޚުޠުބާ ދެމެދުގައި ދެ ރަކުޢަތް ކުރުން.
ސުންނަތުގައި އޮންނަ ގޮތަކީ އިމާމް މީހާ ދެވަނަ ޚުޠުބާއަށް ތެދުވަންދެން ދުޢާކުރުމާއި ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ.
ނަމާދުގައި އުޅޭއިރު ބޭކާރު ހަރަކާތްތައް ކުރުމާއި ނަމާދު ނިމޭގޮތަށް އަވަސްއަރުވާލާފައި މިސްކިތުން ނުކުންނަން އުޅުމާއި ޛިކުރުތައް ފުރިހަމަނުކޮށް މީހުންގެ ތެރޭގައި ކޮއްޕަމުން ބޭރަށްދާން މަސައްކަތްކުރުން.
އިމާމުންނަށް ކުރެވޭ ބައެއް ކުށްތައް:
ޚުޠުބާ ދިގުކޮށް ނަމާދު ކުރުކުރުން.
ޢައްމާރު رضي الله عنه ރިވާކުރައްވާފައިވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
”އިމާމު މީހާ ނަމާދު ދިގުކުރުމާއި ޚުޠުބާ ކުރުކުރުމަކީ އޭނާގެ ފިޤުހުވެރިކަމުގެ ނިޝާނެކެވެ. އެހެންކަމުން ނަމާދު ދިގުކޮށް ޚުޠުބާ ކުރުކުރާށެވެ. ހަމަކަށަވަރުން ބައެއް ބަސްތަކުގައި ސިހުރެއް ފަދަ ނުފޫޒެއްވެއެވެ.“ [މުސްލިމް].
ޚުޠުބާއަށް ރަނގަޅަށް ތައްޔާރުނުވުމާއި މީސްތަކުންގެ ކަންބޮޑުވުންތަކާ ގުޅޭ މައުޟޫޢުތައް އިޚްތިޔާރު ނުކުރުން.
ޚުޠުބާގައި ބަހަވީ ގިނަ ކުށްތައް ހުރުން.
ޟަޢީފް (ބަލިކަށި) ނުވަތަ މަައުޟޫޢު (އުފައްދާފައިވާ) ޙަދީޘްތައް ބޭނުންކުރުމާއި ނޭދެވޭ ރައުޔުތައް ނަފީކުރުމެއް ނެތި ޛިކުރުކުރުން.
ދެވަނަ ޚުޠުބާ ހަމައެކަނި ދުޢާއަށް ޚާއްޞަކުރުން.
ސުންނަތާ ޚިލާފަށް ޚުޠުބާގައި ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތެއް ބޭނުން ނުކުރުން.
މީސްތަކުންގެ ހިތްތަކަށް އަސަރުކުރާ ފަދަ ގޮތަކަށް ޚުޠުބާ ނުދިނުން.
ޖާބިރު رضي الله عنه ރަސޫލާ صلى الله عليه وسلم ގެ ޚުޠުބާ ސިފަކުރައްވަމުން ވިދާޅުވެފައިވަނީ އެކަލޭގެފާނު ޚުޠުބާ ދެއްވާއިރު އަޑުފުޅު ބާރުވެ، ލޯފުޅު ރަތްވެ، އަދި ކޯފާ އިސްކުރައްވާ ފަދަ އަސަރެއް ފާޅުވާ ކަމަށެވެ. އެއީ ހަމަ ދެންމެ ދެންމެ ހަމަލާދީފާނެ ލަޝްކަރެއްގެ ބިރުވެރިކަމުގެ ޚަބަރުދޭ މީހަކު ފަދައިންނެވެ. [މުސްލިމް].



