ކެނެޑާއާއި ޔޫއޭއީއާ ދެމެދު ވަރުގަދަ މުއާހަދާއެއް

ކެނެޑާއާއި ޔޫއޭއީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

އެމެރިކާއާއެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކެނެޑާގެ ވިޔަފާރީގެ ބައިވެރިން އިތުރުކުރުމަށް ކުރާ މަސައްކަތަކީ މުޅި ދުނިޔެ ހަސަދަވެރިވާ ފަދަ ނަތީޖާއެއް ނެރެދޭނެ ކަމެއް ކަމަށް އޮޓާވާއިން ބުނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަންގާރަ ދުވަހު ކެނެޑާ ސަރުކާރުން ހާމަކުރި ގޮތުގައި ކެނެޑާއާއި ޔުނައިޓެޑް އެރަބް އެމިރޭޓްސްއާ ދެމެދު ފުޅާ ދާއިރާއެއްގައި މިނިވަން ވިޔަފާރި ކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މީގެ އިތުރުން ކުށްކޮށްގެން ފިލައިގެން އުޅޭ މީހުން އަނބުރާ ޤައުމަށް ފޮނުވުމާ ގުޅޭ ”އެކްސްޓްރެޑިޝަން ޓްރީޓީ“ އެއްގެ މަޝްވަރާތައް ވެސް މިހާރު ވަނީ ފަށާފަ އެވެ.

މި އިޢުލާން ކުރެވުނީ ޔޫއޭއީގެ ވަލީއަހަދު ކެނެޑާގެ ވެރިރަށަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ.

ވަލީއަހަދު ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އާލް ނަހްޔާން ބޮޑުވަޒީރު މާކް ކާނީއާއެކު މި ހަފުތާގައި ދެ ދުވަސް ހޭދަކުރެއްވި އެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ބަދަހިކުރުމަށާއި ތަމްރީނާއި ތަޢުލީމު ދިނުމާއި ސައިބަރ ސެކިއުރިޓީ އަދި މަޢުލޫމާތު ބަދަލުކުރުމަށް ”ޖޮއިންޓް މިލިޓަރީ ކޮމިޓީ“ އެއް އުފެއްދުމުގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމަށް ކިޔަނީ ”ކެނެޑާ-ޔޫއޭއީ ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓް (ސެޕާ)“ އެވެ.

މިއީ އެންމެ 47 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް ނިންމާލި ރެކޯޑް މިންވަރެއްގެ އަވަސް އެއްބަސްވުމެކެވެ.

މީގެ ސަބަބުން އަންނަ އަހަރުން ފެށިގެން ކެނެޑާއިން ޔޫއޭއީއަށް އެކްސްޕޯޓްކުރާ މުދަލުގެ %99 އިން ޓެރިފް ކުޑަކުރެވޭނެ ނުވަތަ އެއްކޮށް އުނިކުރެވޭނެ ކަމަށް ބޮޑުވަޒީރު ކާނީ ވިދާޅުވި އެވެ.

”މީގެ މާނައަކީ ކެނެޑާގެ ދަނޑުވެރިންނަށާއި ސިނާޢީ މެޝިނަރީ އުފައްދާ ފަރާތްތަކަށާއި ވައިގެ ދަތުރުފަތުރާއި އޭރޯސްޕޭސް ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އައު މާކެޓްތަކެއް ހުޅުވިގެންދިޔުން،“ ކާނީ ވިދާޅުވި އެވެ.

ކެނެޑާގެ އިންޓަނޭޝަނަލް ޓްރޭޑް މިނިސްޓަރު މަނިންދަރު ސިދޫ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 2.4 ބިލިއަން ޑޮލަރުން 5 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެ އެވެ.

މީގެ އެއް އަހަރު ކުރިން ބޮޑުވަޒީރު ކާނީ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅަށްފަހު ކެނެޑާގެ ހަކަތައާއި ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަކޮށް އާކްޓިކް ސަރަޙައްދަށް 50 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ޔޫއޭއީން ވަނީ ވަޢުދުވެފަ އެވެ. ބޮޑުވަޒީރު ވިދާޅުވީ މި ހަފުތާގެ މަޝްވަރާތަކުގައި އެކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ކެނެޑާގެ ސިޔާސަތުތަކާ ބެހޭ ދިރާސާވެރިއެއް ކަމަށްވާ ސްޓޫއާޓް ޓްރޫ ވިދާޅުވާ ގޮތުގައި މި އިންވެސްޓްމަންޓް ހޯދުމަށްޓަކައި ކެނެޑާގެ ސަރުކާރުން ކޮންމެ ފަދަ ކަމަކަށް ވެސް އެއްބަސްވާން ތައްޔާރަށް އޮތް ކަމަށްފެނެ އެވެ.

އޭނާ ސުވާލު އުފައްދަނީ އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމަށް ތުހުމަތުކުރެވޭ އަދި އެހެން ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކަށް އެހީތެރިވާ ކަމަށް ބުނެވޭ ދައުލަތަކާއެކު ދިފާޢީ އަދި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުންތަކެއް ގާއިމުކުރުމާ މެދުގަ އެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ތުހުމަތުކުރާ ގޮތުގައި ސޫދާންގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ”ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)“ އަށް ޔޫއޭއީން މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މި ޖަމާޢަތުގެ މައްޗަށް ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ވަނީކުރެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.