
ޔަގީންކަމާޢެކު ﷲ އަށް ތަވައްކަލު ކުރުމުގެ ނަތީޖާ
عوف بن مالك الأشجعي رضى الله عنه، ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! ތިމަންކަލޭގެފާނުގެ ދަރިފުޅު މާލިކް، ކަލޭގެފާނާއެކު ހަނގުރާމައަށް ދިޔަ ގޮތަށް އަދިވެސް އެނބުރި ނާދެއެވެ. ތިމަންކަލޭގެފާނު ހައްދަވާނީ ކިހިނެއްތޯއެވެ؟“ ލަޝްކަރު އެނބުރި އައިއިރުވެސް مالك رضى الله عنه އެނބުރި ވަޑައެއް ނުގަންނަވައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ”އޭ ޢައުފެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން (لا حول ولا قوة إلا بالله) މި ޛިކުރު ގިނަގިނައިން ކިޔުއްވާށެވެ.“
އެކަލޭގެފާނު އެނބުރި ވަޑައިގެން، ހަމައެކަނި ހުރި ދަރިފުޅުގެ އިންތިޒާރުގައި ހުރި އަނބިކަނބަލުންނަށް މިވާހަކަ ދެންނެވުމުން، އެކަމަނާ އެއްސެވިއެވެ. ”ރަސޫލާ صلى الله عليه وسلم ކަލޭގެފާނަށް ދެއްވީ ކޮން އިރުޝާދެއްތޯއެވެ؟ ”ޢައުފްގެފާނު ވިދާޅުވިއެވެ. ”ތިމަންމެން ދެމީހުންވެސް (لا حول ولا قوة إلا بالله) ގިނައިން ކިޔުމަށް ރަސޫލާ ވަޞިއްޔަތް ކުރެއްވިއެވެ.“އީމާންތެރި، ކެތްތެރި ކަމަނާ ވިދާޅުވިއެވެ. ”ރަސޫލާ صلى الله عليه وسلم ތެދުބަސްފުޅު ވިދާޅުވެއްޖެއެވެ.“ ދެން އެ ދެމަފިރިން (لا حول ولا قوة إلا بالله) ކިޔައި ﷲ ހަނދުމަކުރުމުގައި މަޝްޣޫލުވެ ތިއްބެވިއެވެ.
ރޭގަނޑުގެ އަނދިރިކަން ވެރިވެފައިވަނިކޮށް، ގޭގެ ދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނެވެ. ޢައުފްގެފާނު ތެދުވެވަޑައިގެން ދޮރު ހުޅުއްވައިލެއްވިއިރު، ކުރިމަތީގައި ހުރީ ދަރިފުޅު މާލިކެވެ. އަދި އޭނާގެ ފަހަތުގައި ޣަނީމާގެ ގޮތުގައި ގެނައި ކަންބަޅި ބަކަރިތަކެއް ހުއްޓެވެ. ބައްޕަ އެއްސެވިއެވެ. ”މިއީ ކޮން އެއްޗެއް ހެއްޔެވެ؟ ”ދަރިފުޅު ދެންނެވިއެވެ. ”ދުޝްމަނުން ތިމަން ބަންދުކޮށް، ދަގަނޑު ކަސްތޮޅު އަޅުވައި ވަރަށް ބާރަށް އައްސާފައި ބެހެއްޓިއެވެ. ރޭގަނޑުވުމުން ފިލަން މަސައްކަތް ކުރި ނަމަވެސް، ދަގަނޑުގެ ބާރުކަމުން އެކަން ކާމިޔާބެއް ނުވިއެވެ. ނަމަވެސް ކުއްލިއަކަށް އެ ދަގަނޑުތައް އަމިއްލައަށް ދޫވާން ފެށިކަމުގެ އިޙްސާސް ކުރެވުނެވެ. އެންމެ ފަހުން އަތާއި ފައި އެއިން ނެއްޓި މިނިވަންވުމުން، މުޝްރިކުންގެ މި މުދާތަކާއިގެން މިއައީއެވެ.“ ޢައުފްގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާއެވެ! ދުޝްމަނުންނާއި އަހަރެމެންނާ ދެމެދު އޮތީ ވަރަށް ދުރު ރާސްތާއެކެވެ. އެންމެ ރެއަކުން ތިޔަހާ ދުރުން އާދެވުނީ ކިހިނެއް ހެއްޔެވެ؟ ”މާލިކް ދެންނެވިއެވެ: ”ބައްޕާއެވެ! ﷲ ގަންދީ ބުނަމެވެ. އެ ކަސްތޮޅުތަކުން ނެއްޓިގެން އައިއިރު، މަލާއިކަތްބޭކަލުން އެބޭކަލުންގެ ފިޔަފުޅުތަކުގެ މަތީގައި ތިމަން އުފުއްލަވައިގެން ގެންނަވާ ފަދަ އިޙްސާސެއް ކުރެވުނެވެ.“
سبحان الله! ޢައުފްގެފާނު މިވާހަކަ ދެންނެވުމަށް ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތުމުން، އެކަލޭގެފާނު ވާހަކަ ދެއްކެވުމުގެ ކުރިން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”އޭ ޢައުފެވެ! އުފާވެރި ޚަބަރު ލިބިގަންނާށެވެ. ކަލޭގެފާނުގެ މި ހާދިސާއާ ގުޅިގެން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގެ އާޔަތެއް ބާވައިލައްވައިފައެވެ ﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا﴾ (سورة الطلاق 2-3) މާނައީ: ”އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.“
ޑރ.މޫސާއަންވަރު



