
ނަތަންޔާހޫގެ ޒަމާން ދަނީ
އިސްރާއީލުގެ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ފަލަސްތީނު ރައްޔިތުންނަށް ލިބުނު ބޮޑު ކުރިއެރުމާއެކު ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
ޖޮއިންޓް ލިސްޓް އަދި ރާއަމް ޕާޓީއަށް 18 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު ބޮޑުވަޒީރުގެ ކޯލިޝަނަށް 50 ގޮނޑި އަދި އިދިކޮޅު ފަރާތްތަކަށް 53 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ.
އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ވޯޓަށް އައި ބޮޑު ކުރިއެރުމާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނުވަތަ ޒަޔަނިސްޓް އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މެޖޯރިޓީ ނުލިބޭނެ ކަމަށް އަންގާރަ ދުވަހުގެ އެގްޒިޓް ޕޯލްތަކުން ދައްކަ އެވެ.
ވޯޓުލުން ނިމުނުއިރު އިސްރާއީލުގެ ރަސްމީ މީޑިއާ ’ކާން‘ އިން ހާމަކުރި ގޮތުގައި ނަތަންޔާހޫގެ ބްލޮކަށް ލިބޭނީ 50 ގޮނޑި އެވެ.
އިދިކޮޅު ފަރާތްތަކަށް 53 ގޮނޑި ލިބޭނެ ކަމަށް ބެލެވޭއިރު މިއީ ސަރުކާރު އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑިއަށްވުރެ މަދު އަދަދެކެވެ.
ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ ޖޮއިންޓް ލިސްޓް އަދި ރާއަމް ޕާޓީއަށް ޖުމްލަ 18 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
މިއީ އިސްރާއީލުގެ ބަރުލަމާން (ކްނެސެޓް) ގައި ޢަރަބި މެންބަރުން ތަމްސީލުވާނެ އެންމެ މަތީ އަދަދެވެ.
ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އޮކްޓޫބަރު 7 ގެ ފަހުން ހިނގަމުންދާ ހަނގުރާމަތަކަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އިތުރުވާނެކަން ކުރިންވެސް އޮތީ ބެލެވިފަ އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިސްރާއީލުން ޣައްޒާ ސުންނާފަތި ކުރަމުންދާ މަންޒަރާއި ހުޅަނގު އައްސޭރީގައި ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކާއި އަދި ޢަރަބިންނާ މެދު އިސްރާއީލުގެ ވެރިން ގެންގުޅޭ ތަފާތުކުރުންތައް ފަލަސްތީނު ރައްޔިތުން ވަނީ ތަހައްމަލުކޮށްފަ އެވެ.
އަންގާރަ ދުވަހު ފަލަސްތީނު ރައްޔިތުން ރެކޯޑް އަދަދަކަށް ވޯޓުލާން ނުކުތީ އެމީހުންގެ ދިރިއޮތުން ނުރައްކަލުގެ ތެރޭގައި އޮތް ކަމަށް އިހުސާސް ކުރެވޭތީ ކަމަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
އެކި މީޑިއާތަކުގެ ތަފާސްހިސާބުތަކުގައި ކުދިކުދި ތަފާތުތަކެއް ހުރި ނަމަވެސް ފަލަސްތީނު ރައްޔިތުންގެ ވޯޓާއެކު އިންތިޚާބުގެ ނަތީޖާ ބަދަލުވެ ނަތަންޔާހޫ އާއި އޭނާގެ ހަރުކަށި ބައިވެރިންނަށް ސަރުކާރު އެކުލަވާލުމަށް ހުރަސް އެޅިފައިވާކަން ވަނީ ސާފުވެފަ އެވެ.
އައިޒެންކޮޓްގެ އިދިކޮޅު ބްލޮކަށް ވެސް ފަލަސްތީނު ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލެވޭކަށް ނެތެވެ. ނަމަވެސް އޭނާގެ ގިނަ ބައިވެރިން ވަނީ ކެމްޕޭން ތެރޭގައި އެކަމަށް އިންކާރުކޮށްފަ އެވެ.
އިސްރާއީލުގެ އާބާދީގެ 20 އިންސައްތައަކީ ފަލަސްތީނު ރައްޔިތުން ކަމަށް ވީނަމަވެސް އެމީހުން ތަމްސީލުކުރާ ޕާޓީތައް އާންމުކޮށް ސަރުކާރުތަކުން ބާކީކުރެ އެވެ.
މިވަގުތު ނަތަންޔާހޫ ބޮޑުވަޒީރުގެ މަގާމުގައި ދެމިހުރި ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް މިހާރު ވަނީ ފެށިފަ އެވެ.
އޭނާގެ ލިކޫޑް ޕާޓީއަކީ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ވާތީ ސަރުކާރު އެކުލަވާލުމުގެ ފުރަތަމަ ފުރުސަތު ރައީސް ދޭނީ އޭނާއަށެވެ.
އިދިކޮޅު ލީޑަރު ގާބީ އައިޒެންކޮޓް ވިދާޅުވި ގޮތުގައި މި ނަތީޖާއިން ފެންނަނީ ނަތަންޔާހޫއަށް އޮތް އިތުބާރު ގެއްލިފައިވާ މިންވަރެވެ. އަދި ޔައިރު ވިދާޅުވީ މިއީ ނަތަންޔާހޫއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.
ދާއިމީ ނަތީޖާ ލިބުމަށް އަދި ދުވަސްތަކެއް ނަގާނެ އެވެ.
ސިފައިންގެ ފަރާތުން ލިބުނު ބައި މިލިއަނެއްހާ ވޯޓު ގުނުމުގެ މަސައްކަތް މި ހަފުތާގެ ފަހުކޮޅު ކުރިއަށްދާނެ އެވެ.
ސިޔާސީ ދިރާސާވެރިޔާ މެރޮން ރަޕޮޕޯޓް ސިފަކުރެއްވި ގޮތުގައި މިއީ ”ނަތަންޔާހޫގެ ޒަމާން ނިމުމެވެ.“ އޭނާ ބުނީ ނަތަންޔާހޫއަށް ދެން ބޮޑުވަޒީރުކަން ނުލިބޭނެކަން ކަށަވަރު ކަމަށާއި 61 ގޮނޑި ހަމަނުވާނަމަ އެންމެ ބޮޑު ޕާޓީއަށް ވުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ސަރުކާރެއް އެކުލަވާނުލެވިއްޖެ ނަމަ އަލުން އިންތިޚާބަކަށް ދާންޖެހިދާނެ ކަމަށްވެސް އޭނާ ލަފާކުރި އެވެ.
ރަޕޮޕޯޓް އިތުރަށް ފާހަގަކުރި ގޮތުގައި އިދިކޮޅު ލީޑަރުން ކަމަށްވާ ނަފްތާލީ ބެނެޓް އާއި އަވިގްޑޯ ލީބަމަން އަކީ ފަލަސްތީނު ރައްޔިތުންނާ މެދު ހަރުކަށި ފިކުރު ގެންގުޅޭ މީހެކެވެ.
ނަމަވެސް ނަތަންޔާހޫއަށް ފުރުސަތު ނުދިނުމަށްޓަކައި އެ އެމީހުނަށް އޮތް ހަމައެކަނި ގޮތަކީ ފަލަސްތީނު ޕާޓީތަކާއެކު ކޯލިޝަން ހެދުން ކަމަށް އޭނާދެކެ އެވެ.
ދިރާސާވެރިޔާ އަމީރު ފަޚޫރީ ވިދާޅުވީ ފަލަސްތީނު ރައްޔިތުން މި އިންތިޚާބުގައި ދެއްކި ހިތްވަރަކީ ތާރީޚީ ކުރިއެރުމެއް ކަމަށެވެ. އެމީހުން ވޯޓުލާން ނުކުތީ އެމީހުންގެ ނަސްލާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ތެދުވުމުގެ ގޮތުން ކަމަށް އޭނާ ބުނޏެވެ.
ފަޚޫރީ އިތުރަށް ބުނި ގޮތުގައި މި ނަތީޖާއަކީ ހަމައެކަނި ނަތަންޔާހޫ ބަދަލުކުރުމެއް ނޫނެވެ. މިއީ އަޕާތައިޑް ނިޒާމު ކުރިއަށް ގެންދިއުމާއި ސިޔާސީ އަދި އަޚްލާގީ ގޮތުން އިސްލާހީ ބަދަލެއް ގެނައުމާ ދެމެދު އޮތް އިޚްތިޔާރެކެވެ.
ފަލަސްތީނު ރައްޔިތުން މިއަދު މިވަނީ އިސްރާއީލުގެ ހަލާކުވަމުންދާ މިސްރާބު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ.
ސުވާލަކީ އިސްރާއީލުގެ ޔަހޫދީ ލީޑަރުން މި ބަދަލު ގަބޫލުކުރާނެތޯ ނުވަތަ އަސްކަރީ ހަރުކަށި ވެރިކަމެއްގައި ކުރިއަށްދާން ބޭނުންވާނެތޯ އެވެ.



