
އިޤްތިޞާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: މިނިސްޓަރ ސަޢީދު
ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި، ބިނާކުރަނިވި ޚިޔާލުތައް ކޮންމެވެސް ކަހަލަ ނަފާވެރި ކަމަކަށް ބަދަލުކުރަން ބޭނުންވާނެ ޒުވާނުންނަށްޓަކައި ރައީސް ކުރެއްސެވި ތަޞައްވުރަކީ 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރެއްވުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އިރާދަކުރެއްވިއްޔާ މީގެ ކުރިން ދުވަހަކުވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ، ބޮޑު ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒެއް މި އަހަރު ބޭއްވިގެންދާނެ ކަމަށާއި، އެ މަޢުރަޒު މާދަމާ ރޭ ހުޅުވިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ މަޢުރަޒުގައި 2،467 ޕްރޮޑަކްޓް ބައިވެރިކުރިއިރު، މި އަހަރު 4،400 ޕްރޮޑަކްޓް ވަނީ ބައިވެރިކޮށްފައެވެ. އަދި މި ޕްރޮޑަކްޓްތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ މަޢުރަޒުގައި 240 މީހުން ބައިވެރިވިއިރު، މި އަހަރު އެ ޢަދަދު ވަނީ 600 ފަރާތަކަށް އިތުރުވެފައެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފަސް ޑިސްޓްރިކްޓަކަށް ބެހިގެން މިދިޔަ އަހަރު މި އެކްސްޕޯ ކުރިއަށްދިޔައިރު، މި އަހަރު އެ ޢަދަދު ވަނީ ހަތް ޑިސްޓްރިކްޓަކަށް އިތުރުވެފައެވެ. އޭގެ ތެރޭގައި މި ފަހަރު ”ވިޒިޓަރ އިކޮނޮމީ“ ޑިސްޓްރިކްޓަކާއި ”އިންޓަރނޭޝަނަލް ޑިސްޓްރިކްޓް“ ވަނީ ޤާއިމްކޮށްފައެވެ.



