
ފުނަދޫ ޕެޓްރޯލް ޝެޑް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ، ގެއެއް އަނދައި ގިނަ ބަޔަކަށް ފަރުވާ ދެނީ
ށ. ފުނަދޯ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކޮށް، އެއްކޮށް ނިއްވާލެވިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފި އެވެ.
އެތަނުގައި ރޯވިކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، އަލިފާންގަނޑު މިހާރު އެއްކޮށް ނިއްވާލާފައިވާއިރު، އެ ހާދިސާގައި ގެއެއް ވަރަށް ބޮޑަށް ވަނީ އަނދާފަ އެވެ. މީގެ އިތުރުން 18 މީހަކަށް ދުމުގެ އަސަރުކޮށް އެކި ވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުނަދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ރަށު ތެރެއަށް ދުންގަނޑު ފެތުރި، ސްކޫލްވެސް މިއަދު ވަނީ ބަންދޮކޮށްފައި އެވެ.
ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވިދާޅުވީ، މި ހާދިސާގައި އެއް ގެ އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށްވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށާއި، އެ ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް މީހުންނަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެ އޮތޯރިޓީިއިން ވަނީ މައުލޫމާތު ދީފައެވެ.
މިހާދިސާއާއި ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައި، މިވަގުތު މިވަގުތު ޚިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.



