
ލ. އިސްދޫއާއި ކަލައިދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ގެންގޮސްފި
ސުކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ލ. އިސްދޫއާއި ކަލައިދޫގައި ކުރިއަށް ގެންގޮސްފި އެވެ.
މި މަހު 18 އިން 19 އަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އިސްދޫ ކަަލައިދޫ ޕޮލިހާއި، ސުކޫލާއި، ކައުންސިލާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޓެންޓް މެނޭޖްމަންޓް ގުޅިގެންނެވެ.
މި ސެޝަންގައި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކިޔައިދީފައިވެ އެވެ.
އޭގެ އިތުރުން، މައިންބައިންނަކީ ކިހާ މުހިންމު ބައެއްކަމާއި މައިންބަފައިންނާއި ޓީޗަރުންގެ ބަސްއަހައި ކިޔަމަންތެރި ވުމަށާއި އިމްތިހާނުތަކަށް ތައްޔާރުވާނެ ގޮތްތަކުގެ އިތުރުން ދަރިވަރުންގެ ގާބިލުކަން ތަރައްގީކުރުމާ ގުޅޭގޮތުން ވެސް އަގުހުރި މައުލޫމާތުތަކެއް ވަނީ ދީފަ އެވެ.
މި ސެޝަންގައި ކަލައިދޫ ސުކޫލުގެ ގުރޭޑް 4 އިންމަތީގެ 61 ދަރިވަރުން ބައިވެރިވި އެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން، ސުކޫލު ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށްވެ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ދަސްވެގެންދާނެ އެވެ.
އިސްދޫ އަދި ކަަލައިދޫ ސުކޫލު ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މައުލޫމާތު ދީފައިވަނީ “ ކާމިޔާބު އާއިލާ“ މައުލޫގެ ދަށުންނެވެ. އެގޮތުން، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިއެއްގެ ދައުރަކީ ކޮބައިކަމާއި، ދަރިންނާ މުއާމަލާތްކުރުމުގެ ރަނގަޅު ގޮތްތަކާއި، ހަރުދަނާގޮތެއްގައި އެ ކުދިން އަދަބުވެރިކުރުވުމާއި، ކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ދިނުމާއި، އާއިލީ ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމުގެ މައްޗަށް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އޭގެ އިތުރުން، ދަރިންގެ ބަހާއި އަމަލަކީ ބެލެނިވެރިޔާގެ ފަރާތުން ދަސްކުރާ ކަމަކަށް ވުމާއެކު އެ ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބުނެދީފައިވެ އެވެ. އަދި އެ ކުދިން ރަނގަޅު ކާމިޔާބު ދަރިންތަކެއްގެ ގޮތުގައި ބޮޑުކުރުމަށް ދީނީ ކަންކަމަށް ބާރުއެޅުމަށާއި، އެ ކުދިންނާއެކު ފައިދާހުރި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ވެސް މި ސެޝަންގައި ބުނެދީފައި ވެއެވެ. އަދި ކުދިން ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންކުރުމާއި ކުދިންގެ ކާމިޔާބީތަކަށް ތައުރީފުކުރުުގެ މުހިންމުކަމާއި ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން އިތުރުކޮށްދިނުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.



