
ހޮރްމޫޒް ކަނޑުއޮޅީގައި އޮތް މައިނެއްގައި ޖެހި ސުޕަރޓޭންކަރެއް ގޮވައިފި
ހޮރްމޫޒް ކަނޑުއޮޅީގައި އޮތް މައިނެއްގައި ޖެހި ސުޕަރޓޭންކަރެއް ގޮވައިފި ކަމަށް އައި.އާރް.ޖީ.ސީ އިން ހާމަކޮށްފި އެވެ.
2 މިލިއަނަށްވުރެ ގިނަ ތެޔޮ ފީފާ އުފުލަމުންދިޔަ ސުޕަރޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދުގައި އޮތް މައިނެއްގައި ޖެހި ގޮވައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ ނޭވީ ޕަބްލިކް ރިލޭޝަންސް އިން ބުނެފި އެވެ.
ރަސްމީ ބަޔާނުގައި ވާގޮތުން އެ ސުޕަރޓޭންކަރުން ވަނީ އޭގެ ރޭޑާ އާއި ނެވިގޭޝަން ސިސްޓަމްތައް ނިއްވާލުމަށްފަހު ހުއްދަ ނޫން ދެކުނު މަގަކުން ހޮރްމޫޒް ކަނޑުއޮޅިން ބޭރުވާން މަސައްކަތް ކޮށްފަ އެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އައި.އާރް.ޖީ.ސީ ނޭވީން ތަކުރާރުކޮށް ދެމުންދިޔަ އިންޒާރުތަކަށް އިޖާބަ ނުދީ ދަނިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އައި.އާރް.ޖީ.ސީ ނޭވީން ނެރުނު ބަޔާނެއްގައި ޕާޝިއަން ގަލްފް އާއި އޮމާން ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުން ހުއްދަ ނޫން މަގުތަކުން ދަތުރުކުރުމުގެ ފުރިހަމަ ޒިންމާ އެ އުޅަނދުތަކުގެ ވެރިންނާއި ފަޅުވެރިން އުފުލަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އީރާނުގެ ކަނޑުގެ ސިފައިން އިތުރަށް ބުނެފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ހަރަކާތަކަށް ނުވަތަ އަމަލަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.



