ތުރުކީގެ ވައިގެ ސަރަހައްދު ހުރަސްކުރުމަށް އިސްރާއީލުގެ ރައީސް ދަތުރުކުރީ އަޒަރުބައިޖާންގެ ފްލައިޓެއްގަ

އިސްރާއީލުގެ ސަރުކާރުގެ ބޯޓުތަކަށް ތުރުކީގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައިވާތީ، ބުދަ ދުވަހު ބާކޫގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސަކަށް ދިއުމަށް އިސްރާއީލުގެ ރައީސް އިސާކް ހަރްޒޮގް ދަތުރުކުރީ އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓެއްގަ އެވެ.

ފްލައިޓްރޭޑާ24 ގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހަރްޒޮގް ދަތުރުކުރީ އަޒަރުބައިޖާން އެއާލައިންސް އިން އޮޕަރޭޓްކުރާ ޖޭ222 ފްލައިޓުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ފްލައިޓް ތެލް އަވީވުން ފުރާފައިވަނީ ހެނދުނު 11:35 ގައެވެ. އަދި ތުރުކީގެ ވައިގެ ސަރަހައްދު ހުރަސްކޮށް ބާކޫއަށް ގޮސްފައިވަނީ އެ ޤައުމުގެ ގަޑިން މެންދުރުފަހު 3:40ގަ އެވެ.

ބާކޫގައި ހަރްޒޮގަށް މަރުހަބާކީ ރަސްމިއްޔާތުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ދިޔައީ އެ ފްލައިޓާ ގުޅޭގޮތުން ފްލައިޓްރޭޑާ24 އިން ރިކޯޑުކޮށްފައިވާ ބޯއިންގް 787-8 ޑްރީމްލައިނާ މަރުކާގެ ބޯޓެއްގަ އެވެ. އަދި ބޯޓު ޖެއްސި ވަގުތަކީ ހަރްޒޮގްގެ ޕްރެސް ޓީމުން އާންމުކުރި ވަގުތާ ދިމާވާ ވަގުތެކެވެ.

ހަރްޒޮގްގެ އޮފީހުގެ ތަރުޖަމާނަކު ވަނީ މި ދަތުރުގެ ތަފްސީލާ ގޮތުން މިވަގުތު އެއްޗެއް ބުނަން އުޒުރުވެރިވެފަ އެވެ.

ތުރުކީން ވަނީ 2024 ވަނަ އަހަރު ހަރްޒޮގްގެ ބޯޓު އެ ޤައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފަ އެވެ.

މީގެ ސަބަބުން ކުރިން އަޒަރުބައިޖާނަށް ކުރަން އޮތް ދަތުރެއް އޭނާއަށް ކެންސަލް ކުރަން ޖެހުނެވެ. އަދި މިދިޔަ އޭޕްރީލް މަހު ކަޒަކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތުރުކީގެ ވައިގެ ސަރަހައްދު ދޫކޮށް ދަތުރުކުރުމަށް އަށް ގަޑިއިރުގެ ދިގު މަގަކުން ދަތުރުކުރަން ޖެހުނެވެ.

ބާކޫ ދަތުރަށް ގްރީސް، ބަލްގޭރިއާ އަދި ކަޅު ކަނޑުގެ މަތިން ދިގު މަގަކުން ހަރްޒޮގަށް ދަތުރުކުރެވުނީހެވެ.

ނަމަވެސް، ކަޅު ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަލާމަތީ ނުރައްކާ އޮތުމުން، އާންމު ފަސިންޖަރުން އުފުލާ ފްލައިޓެއްގައި ދަތުރުކުރަން އޭނާގެ ޓީމުން ނިންމީ ކަމަށް މައުލޫމާތުލިބެ އެވެ.

ހަރްޒޮގަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ މީހަކަށް ނުވި ނަމަވެސް، އަންކާރާއިން ވަނީ އިސްރާއީލު ސަރުކާރުގެ ހުރިހާ ބޯޓުތަކަކަށް ތުރުކީގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެހެންނަމަވެސް، އިސްރާއީލާއި އެހެނިހެން ބޭރުގެ އެއާލައިންތަކުން އޮޕަރޭޓްކުރާ އާންމު ފަސިންޖަރުންގެ ފްލައިޓުތަކަށް އަދިވެސް ތުރުކީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައޮވެ އެވެ.

މިކަމާ ގުޅޭގޮތުން ތުރުކީގެ އޮފިޝަލަކު ވިދާޅުވީ، އެ ފްލައިޓުގައި އިސްރާއީލުގެ ރައީސް އިންނެވިކަން އަޒަރުބައިޖާނުން ތުރުކީއަށް އަންގާފައިނުވާ ކަމަށެވެ.

އަދި އަންކާރާގެ ނިންމުން އެނގޭތީ، ތުރުކީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދި އިސްރާއީލު ސަރުކާރުން މިހާރު ހުށަނާޅާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

”ވައިގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ކޮންމެ ބޯޓެއްގެ ފަސިންޖަރުންގެ ލިސްޓު ހޯދުމަކީ ތުރުކީއަށް ކުރެވޭނެ ކަމެއް ނޫން،“ އޭނާ ވިދާޅުވިއެވެ.

ހަރްޒޮގް ބާކޫއަށް ވަޑައިގަތީ ބުރާސްފަތި ދުވަހު އޮތް ’ކޮންފަރެންސް އޮން އިންޓަރެކްޝަން އެންޑް ކޮންފިޑެންސް ބިލްޑިންގ މެޝާސް އިން އޭޝިއާ‘ ގެ ހަތްވަނަ ސަމިޓުގައި ބައިވެރިވުމަށެވެ..

އެ ސިޓީއަށް ދިއުމަށްފަހު ބުދަ ދުވަހު އޭނާ ވަނީ އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކޮށްފަ އެވެ.

މި ދަތުރު މި ދިމާވީ، ޕްރައިމަރީ އަދި މިޑްލް ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމަށް އަޒަރުބައިޖާނުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ ގުޅިގެން އަންކާރާ އާއި ބާކޫއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ބަދަލުގައި މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު ހާކާން ފިދާން އެވެ.

އުރުދުޣާން ސަމިޓަށް ވަޑައިނުގަތީ ހަރްޒޮގް އެތަނުގައި ހުންނަވާތީ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.