
އިސްލާމިކް ފައިނޭންސް ދާއިރާގެ ޕީ.އެޗްޑީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމިކް ފައިނޭންސް ދާއިރާގެ ޕީ.އެޗްޑީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި ހިންގުމަށްޓަކައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުން ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މެލޭޝިޔާ ގައި މި މަހުގެ 24 ވަނަ ދުވަހު ޔުނިވަރސިޓީ ސައިންސް އިސްލާމްގައި ބޭއްވި މި ރަސްމިއްޔާތުގައި އެމް.ސީ.އައި.އެފްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީ އެވެ. ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މޫސާ އަޙްމަދު އެވެ.
އެމްސީއައި އެފްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީ ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް މި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ފުރަތަމަ ޕީއެޗްޑީ ބެޗްގައި ބައިވެރިވެފައިވާ 5 ފަރާތުން ކޯސް ކުރިއަށް ގެންދާގޮތަށް ހުރިހާކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔުސިމް)ގެ ޕީއެޗްޑީ އަދި މާސްޓަރސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް އެމްސީއައިއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އަދި އެމްސީއައިއެފްގެ ދަށުން ހިންގާ ސައުތުއޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް (ސައިފް) ގައި ކުރިއަށްގެންދާ އިސްލާމިކް ފައިނޭންސް އާއި ހަލާލް އިންޑަސްޓްރީގެ ސެޓްފިކެޓް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ”ޔުސިމް“ އިން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެމްސީއައިއެފްއިން ކުރިއަށް ގެންދަން ބޭނުންވާ ތަފާތު ދިރާސާތަކުގައި ރިސާރޗް ޕާރޓްނަރއެއްގެ ގޮތުގައި ޔުސިމް އިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.



