ދިވެހިރާއްޖޭގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމުގެ ގޮތުން، ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ގޮވާލެއްވީ ”ނިއޯކެއަރ 2026 – ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް“ ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ، ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ޞިއްޙީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަށް ގޮވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރައްވާފައެވެ.

ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޚާއްޞަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ޞިއްޙީ ޚިދުމަތްތެރިންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅަކަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.

މި މަސައްކަތަށް އެއްބާރުލުން ދިނުމުގައި ”ނިއޯކެއަރ“ ގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން، މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު ވަރަށް އަގުހުރި މަންސައެއްކަމުގައި ސިފަކުރައްވައި، މާލެއިން ފެށިގެން އަތޮޅުތަކަށް، އަދި ޞިއްޙީ ޚިދުމަތްތެރިންގެ އެކި ޖީލުތަކަށް މިފަދަ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއާވާލެއްވިއެވެ.

އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ޙާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް އެކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަމާއި، އެބޭފުޅުންގެ ކިބައިގައިވާ ފަރުވާތެރިކަމާއި އޯގާތެރިކަމަށް އެކަމަނާ ތަޢުރީފުކުރެއްވިއެވެ.

އާއިލާއަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަން ފާހަގަކުރައްވަމުން، އިންޓެންސިވް ނުވަތަ ޚާއްޞަ ފަރުވާ ހޯދަމުންދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި، އެހީތެރިކަމާއި، ސާފު މަޢުލޫމާތާއި، ޤަދަރާއި އިޙްތިރާމް އަދި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް ވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހަނދާންކޮށްދެއްވިއެވެ. އަދި ޞިއްޙީ ޚިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާދިނުން ނޫންކަމަށާއި، އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުންކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ނިއޯކެއަރ 2026 ކުރިއަށްދަނީ ”އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން“ މި ޝިޢާރުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.