
މަތިންދާބޯޓުން ލިބޭ ފަދަ ޚިދުމަތްތަކާއެކު ބަސް ދަރުތު ކެރެލާއަށް
ޓީވީ، ކާބޯތަކެތީގެ ޚިދުމަތް އަދި ފާޚާނާ ހިމެނޭ ކެރެލާގެ ބަސް ދަތުރެއްގެ ވީޑިއޯ ވައިރަލް ވެއްޖެ އެވެ. 505 ރުޕީސް އަށް ކުރާ މިދަތުރުގައި ބަސްތެރޭގައި އިންޓަރނެޓްގެ ޚިދުމަތް (ވައިފައި) ވެސް ހިލޭ ލިބެއެވެ. ޢާންމުނގެ ސަމާލުކަން މި ބަސް ދަތުރުތަކަށްވަނީ ހުއްޓިފަ އެވެ.
މަތިންދާބޯޓުން ލިބޭ ފަދަ ޚިދުމަތްތަކާއެކު، އަމިއްލަ ސްކްރީނާއި، ވައިފައި، ކާބޯތަކެތި ލިބޭނެ އިންތިޒާމު އަދި ފާޚާނާ ހިމެނޭ ގޮތަށް ކެރެލާ ސަރުކާރުން ދުއްވާ ވޮލްވޯ ބަހެއްގެ ވީޑިއޯ، މަޝްހޫރު ވިޔަފާވެރިޔާ ހާރްޝް ގޮއެންކާ ހިއްސާކުރުމާ ގުޅިގެން ޢާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.
އެންމެ 505 ރުޕީސް އަށް މަތިންދާބޯޓުގެ ބިޒްނަސް ކްލާސް ފެންވަރުގެ ޚިދުމަތްތައް ލިބޭ މި ބަހަކީ ކެރެލާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން އިން ތިރުވަނަންތަޕޫރަމް އާއި އެރްނާކުލަމްއާ ދެމެދު ދަތުރުކުރާ ލަގްޒަރީ އޭސީ ބަހެކެވެ.
ސެޕްޓެމްބަރު 11 ވަނަ ދުވަހު ގޮއެންކާ އެކްސްގައި ހިއްސާކުރި މި ވީޑިއޯގައި އޭނާ ވަނީ މިއީ ކެރެލާގެ ”ބިޒްނަސް ކްލާސް“ ޚިދުމަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
މި ބަހުގައި ފަހަތަށް ލެނބޭ ގޮތަށް ފަރުމާކޮށްފައިވާ 36 ގޮނޑި ހުންނައިރު، ފަސިންޖަރުންނަށް ފަސޭހަވާނެހެން ފައި ބަހައްޓާނެ ތަނަވަސް ޖާގަ ދީފައިވެ އެވެ.
ކޮންމެ ގޮނޑިއެއްގައި އަމިއްލަ ޓީވީ ސްކްރީނަކާއި ޔޫއެސްބީ ޗާޖިންގ ޕޯޓެއް ހަރުކޮށްފައިވާއިރު، މުޅި ދަތުރުގައި ހައި-ސްޕީޑް ވައިފައިގެ ޚިދުމަތް ލިބެން ހުރެ އެވެ.
މި ބަހުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބަހުގެ އެތެރޭގައި ހުންނަ ކާބޯތަކެތީގެ ޚިދުމަތެވެ. މިތަނުން ސައި، ކޮފީ އަދި ކުޑަ ފްރިޖެއްގެ ޚިދުމަތް ލިބެން ހުރެ އެވެ.
މީގެ އިތުރުން، ބަހުގައި ފާޚާނާއެއް ހުރުމަކީ ދިގު ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
ތިރުވަނަންތަޕޫރަމް-އެރްނާކުލަމް ދަތުރުގެ އަގަކީ 505 ރުޕީސް އެވެ. މި ޚިދުމަތް ދެނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށެވެ.
ބަސް ތިރުވަނަންތަޕޫރަމް އިން ފުރަނީ ހެނދުނު 5:30 ގައެވެ. އަދި ކޮއްލަމް، އަލަޕޫޖާ އަދި ހައިކޯޓު މަގުން ދަތުރުކޮށް، އެރްނާކުލަމް އަށް ފޯރަނީ ހެނދުނު ގާތްގަނޑަކަށް 9:30 ގައެވެ. އެނބުރި ތިރުވަނަންތަޕޫރަމް އަށް ދިއުމަށް ބަސް ފުރަނީ ހަވީރު 5:30ގަ އެވެ.



