
ބެލޫންޑޯ އެވޯޑަށް އާދޭހެއް ނުކުރާނަން – ޔަމާލް
ބެލޫންޑޯ އެވޯޑަށް އާދޭސް ނުކުރާނެ ކަމަށް ބާސެލޯނާގެ ތަރި ލަމީން ޔަމާލް ބުނެފި އެވެ.
ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، ބާސެލޯނާއާއެކު ލަލީގާ ކާމިޔާބު ކުރުމަށްފަހު، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޫންޑޯ އެވޯޑަށް އާދޭސް ނުކުރާނެ ކަމަށް ޔަމާލް އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.
ރިއަލް މެޑްރިޑުގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ހޯމަ ދުވަހު މި އެވޯޑަށް އޭނާ ޝަރުތު ހަމަވާކަން ހާމަކޮށްފަ އެވެ. އެގޮތުން ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމާއި، އެ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޭނާ ފާހަގަކުރި އެވެ.
އުމުރުން 19 އަހަރުގެ ޔަމާލް ޤަބޫލުކުރާ ގޮތުގައި އޭނާ ވަނީ ކްލަބާއި ޤައުމީ ޓީމަށް ކާމިޔާބީތައް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް، އެވޯޑް ޙައްޤުތޯ ނިންމާނީ އެހެން ފަރާތްތަކުން ކަމަށް އޭނާ ބުންޏެވެ.
އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަނުގައި ބާއްވާ މި ރަސްމިއްޔާތުގައި މި އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ޔަމާލް، އެމްބާޕޭ، ހެރީ ކޭން، އޮސްމާން ޑެމްބޭލޭ އަދި ކްވިޗާ ކްވަރަޓްސްކޭލިއާ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ޔަމާލް ބުނީ، އެވޯޑު ހޯދުމަށް ކެމްޕޭން ކުރަން ޖެހޭނެ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، އޭނާއަށް ޙައްޤުވަނީ ކޮން އެއްޗެއްތޯ ވިސްނުމުގެ ބަދަލުގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ގޮތަކަށް ދެކުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
”މި އަހަރު ކްލަބާއި ޤައުމީ ޓީމާއެކު ހޯދި ކާމިޔާބީތަކަށް އަހަރެން ފަޚުރުވެރިވަން. އަހަރެމެން ވޯލްޑް ޗެމްޕިއަންކަން ހޯދައި، އަލުން ލަލީގާ ކާމިޔާބުކޮށްފިން. މިއަށްވުރެ އިތުރު ކަމަކަށް އަހަރެން ނޭދެން،“ ޔަމާލް
އޭނާ އިތުރަށް ބުނީ، އޭނާގެ ފެންވަރު ދަނޑުމަތީގައި ސާބިތުކޮށްދީފައިވާނެ ކަމަށާއި، އެވޯޑާ މެދު ގޮތް ނިންމުމަކީ މީޑިއާގެ މަސައްކަތެއް ކަމަށެވެ. އަދި އެއްވެސް ކަމަކަށް އޭނާ އާދޭސް ނުކުރާނެ ކަމަށްވެސް ބުންޏެވެ.
މިދިޔަ އަހަރުގެ ބެލޫންޑޯ ހޮވުމުގައި ޔަމާލް ދިޔައީ ޑެމްބޭލޭގެ ފަހަތުން ދެވަނައަށެވެ. ފްރާންސްގެ ފޯވާޑް ޑެމްބޭލޭ ދާދިފަހުން ބުނެފައިވަނީ އޭނާގެ ނަޒަރުގައި އެވޯޑަށް އެންމެ ފުރުޞަތު ބޮޑު ތިން ކުޅުންތެރިންނަކީ ކްވަރަޓްސްކޭލިއާ، ކޭން އަދި އެމްބާޕޭ ކަމަށެވެ.
ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޑެމްބޭލޭގެ މި ވާހަކައަށް ރައްދު ދެމުން ޔަމާލް ސަމާސާ ރާގަކަށް ބުނީ، އޭނާއަކީ އެމްބާޕޭގެ ގާތް އެކުވެރިއެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކަށް އޭނާ ފަރުވާލެއް ނެތް ކަމަށާއި، މިދިޔަ އަހަރުގެ ކާމިޔާބީއާ މެދު ވަރަށް އުފާވާ ކަމަށް ބުންޏެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިންއިން ވަނީ 2-0 އިން ފްރާންސް ބަލިކޮށް މުބާރާތުން ބޭރުކޮށްލާފަ އެވެ.
އޭޕްރީލް މަހު ލިބުނު އަނިޔާއަކަށްފަހު ޔަމާލް މިހާރު ވަނީ އަލުން އޭނާގެ އެންމެ މޮޅު ކުޅުމަށް ރުޖޫޢަވެފަ އެވެ. ސީޒަން ފެށުނުއިރު މާ ހިތްހަމަޖެހޭ ގޮތެއް ނުފެނުނު ނަމަވެސް، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރަޔޯ ވަޔެކާނޯ އަދި ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ޔަމާލް ބުނި ގޮތުގައި އުމުރުން 19 އަހަރުގައި ވޯލްޑް ކަޕް ކާމިޔާބުކޮށް، ޙަޔާތުގެ އެންމެ އުފާވެރި ޗުއްޓީ ހޭދަކުރުމަށްފަހު، މިހާރު އޭނާ ހުރީ އޭނާގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަކުގަ އެވެ.



