
ޒުވާން ޚަޠީބުންނަށް ވަރަށް ޚާއްޞަ މަހާސިންތާއެއް ބާއްވަނީ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ: އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް!
ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، ޒުވާން ޖީލުގެ ތެރެއިން އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއްގެ ގޮތުގައި ބާއްވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި މަހާސިންތާގައި 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ޒުވާން ޚަޠީބުން ރަސްމީކޮށް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނުހަނު އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދަވާ ކަމެކެވެ.
އެގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަަޠީބުން ތަމްރީނުވެފައިވެ އެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ މި ދައުރުގައި ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ.



