
ޓްރަމްޕް ސަރުކާރުން އީރާނުގެ ހުރިހާ އެއާލައިންތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އެމެރިކާއިން ފުރައިގެން އީރާނަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ އެއާލައިންތަކުގެ ހުއްދަވެސް ބާޠިލުކޮށްފަ އެވެ.
އީރާނު ސަރުކާރުން ހަތިޔާރާއި، ސިފައިންނާއި އަދި ޤަވާއިދާ ޚިލާފު ތަކެތި އުފުލުމަށް ކުރާ މަސައްކަތް ހުއްޓުވުމުގެ މަޤްޞަދުގައި، އެ ޤައުމުގެ 27 އެއާލައިނަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިކަން ޓްރަމްޕް ސަރުކާރުން އަންގާރަ ދުވަހު ވަނީ އިޢުލާނުކޮށްފަ އެވެ.
މި ފިޔަވަޅަކީ ”އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް“ ގެ ދަށުން، އީރާނަށް ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގެ ތެރެއަށް ވަނުމަށް އޮތް މަގުތައް ބަންދުކުރުމަށްޓަކައި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިސްނަންގަވައިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ބައެކެވެ.
އެމެރިކާއިން އީރާނުގެ ވިޔަފާރި އެއާލައިނެއް ކަމަށްވާ ”މަހާން އެއާ“ އާ ދެކޮޅަށް ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ 2011 ވަނަ އަހަރު އެވެ.
”މިއަދު އަޅުގަނޑުމެން ފިޔަވަޅު އެޅި އީރާނުގެ އެއާލައިންތަކާއެކު މަލާތްކުރާ ކޮންމެ ފަރާތަކަށް މިއީ ދެވޭ އިންޒާރެއް. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ މާލީ ނިޒާމުން ތިޔަ ފަރާތްތައް ވަކިކޮށްލުމުގެ ފުރުޞަޠު އެބައޮތް،“ – ބެސެންޓް
މި ފިޔަވަޅު އެޅި އެއާލައިންތަކުގެ ތެރޭގައި އަވާ އެއާލައިންސް، ފްލައި ޕާޝިއާ އަދި މެހެރު އެއާވޭސް ހިމެނެ އެވެ.
ޓްރެޜަރީން ވަނީ ޖުމްލަ 36 ފަރާތެއް ”ބްލެކްލިސްޓް“ ކޮށްފަ އެވެ. އޭގެ ތެރޭގައި، އެމެރިކާގައި އުފައްދާ މަތިންދާބޯޓާއި ނާޒުކު ޓެކްނޮލޮޖީ ހޯދުމަށް އީރާނުން ބޭނުންކުރާ ސިއްރު ކުންފުނިތަކާއި، ބޭރުގެ މެދުވެރިންނާއި، މުދާ އުފުލުމުގައި އޮޅުވާލާ މަގުތައް ހިމެނެ އެވެ.
މިގޮތުން ޔޫ.އޭ.އީ ގައި ހިންގާ އީ.ސީ.ޓީ އޭވިއޭޝަން ސަޕޯޓް އެލް.އެލް.ސީ އާއި، އެ ކުންފުނީގެ ވެރިޔާ، މިޞުރުގެ ރައްޔިތެއް ކަމަށްވާ އިބްރާހީމް ޢަލީ މުޙައްމަދު މުޙައްމަދު މަޙްރާންގެ އިތުރުން ތުރުކީގެ ސްކައި ފީނިކްސްއާ ދެކޮޅަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.
އެމެރިކާގެ ފިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކުން ވަނީ އީރާނުގެ އޭވިއޭޝަން ސިނާޢަތަށް އެހީތެރިވާ ނެޓްވޯކްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް މާލީ އިދާރާތަކަށް އަންގައި، ދުނިޔޭގެ ފެންވަރުގައި އެލާޓެއް ނެރެފަ އެވެ.
މީގެ އިތުރުން، އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން ވަނީ، އެމެރިކާ ނޫން އެހެން ޤައުމުތަކުގެ އެއާލައިންތަކުން އީރާނަށް ދަތުރުކުރުމަށް ނުވަތަ އީރާނަށް ދަތުރުކުރާ އެމެރިކާގައި އުފައްދާފައިވާ ބޯޓުތައް ބޭނުންކުރުމަށް ދީފައިވާ ހުއްދަތައް ސަސްޕެންޑްކޮށްފަ އެވެ.
މީގެ ސަބަބުން އީރާނުގައި ޢާއިލާތައް ތިބި އީރާނު ދަރިކޮޅުގެ އެމެރިކާ މީހުންނަށް ދަތުރުފަތުރުގައި ދަތިތަކެއް ކުރިމަތިވުމުގެ ފުރުޞަޠު އޮތްއިރު، އީރާނުގެ ވައިގެ ސަރަހައްދު ބޭނުންކުރާތީ ލިބޭ ފީތައްވެސް އެ ޤައުމަށް ގެއްލިގެންދާނެ އެވެ.
”އީރާނުގެ އޭވިއޭޝަން ދާއިރާއަށް އެހީތެރިވާ ކޮންމެ ފަރާތެއް، އެއީ އޭޖެންޓެއްގެ ޚިދުމަތް ދިނުން ކަމުގައިވިޔަސް ނުވަތަ ސިއްރުން ބޯޓު ހޯދުމަށް އެހީތެރިވުން ކަމުގައިވިޔަސް، އެ ފަރާތްތައް ޒިންމާދާރުކުރުވޭނެ،“ ޓްރެޜަރީން ބުންޏެވެ.
ދަތިކުރުމުގެ ފިޔަވަޅު އެޅުނު ފަރާތްތަކުގެ އެމެރިކާގައި ހުރި ހުރިހާ މުދަލެއް ހިފެހެއްޓޭނެ އެވެ. އަދި އެމެރިކާގެ ބާރު އޮންނަ ބައިނަލްއަޤްވާމީ ބޭންކިން ނިޒާމު ބޭނުންކުރުން އެފަރާތްތަކަށް މަނާވާނެ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ މީހުން، ފިޔަވަޅު އަޅާފައިވާ ފަރާތްތަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.



