ހޫޘީން ސަޢޫދީއަށް އަމާޒުކޮށް ޙަމަލާދޭން ފަށައިފި

ޔަމަނުގެ ސަރުކާރު ފައުޖުތަކުން ވެރިރަށް ސަންޢާއާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ސަޢޫދީ ޢަރަބިއްޔާއިން ދެމުންދާ ވައިގެ ޙަމަލާތަކާ ގުޅިގެން ހޫޘީން ސަޢޫދީއަށް އަމާޒުކޮށް ޙަމަލާދޭން ފަށައިފި އެވެ.

ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ޙަމަލާތައް ދެމުންދާކަން ރިޔާޟުން ކަށަވަރުކޮށްދީފައިވާއިރު، ހޫޘީންނާއެކު ސުލްހަވެރި ޙައްލަކަށް ދިޔުމުގެ ފުރުޞަޠު އަދިވެސް ބަންދުނުވާކަމަށް ސަޢޫދީން ބުނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަޢޫދީ ޢަރަބިއްޔާގެ ތާޢީދު އޮންނަ ޔަމަނު ސަރުކާރުގެ ފައުޖުތަކުން ބުނި ގޮތުގައި، ވެރިރަށް ސަންޢާއަށް ވަދެވެން އޮތް މުހިންމު ދޮރާށްޓެއް ކަމަށް ބެލެވޭ އަލް-ޖައުފް އާއި، ތާއިޒް އަދި ބައިޟާގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން ހޫޘީންގެ މަރުކަޒުތަކަށް ވަނީ ޙަމަލާދީފަ އެވެ.

ޔަމަނުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މޭޖަރ ޖެނެރަލް ސަމީރު އަލް-ސަބްރީ ދަޢުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ ސަންޢާ އަނބުރާ ހޯދުމަށެވެ.

ސަރުކާރު ފައުޖުތަކުގެ ތަރުޖަމާނު މަޖިދު އަލް-ނުޒައިލީ ވިދާޅުވި ގޮތުގައި، މި އަސްކަރީ ޙަރަކާތުގެ މަޤޞަދަކީ އަންސާރުﷲ ނުވަތަ ހޫޘީންގެ ކިބައިން ޔަމަނު މިނިވަންކޮށް، ސަންޢާއަކީ ހުރިހާ ޔަމަނީންގެ ވެރިރަށް ކަމުގައި އަލުން ހަމަޖެއްސުމެވެ.

ސަރުކާރު ފައުޖުތަކުން މިހާރު ވަނީ އަލް-ޖައުފްގެ އަލް-ލަބަނާތު ފަރުބަދަތަކާ ދިމާލަށް އެއްގަމު މަގުން ކުރިއަރަން ފަށާފަ އެވެ. އަދި ޔަތުމާއަށް ރޮކެޓް ޙަމަލާތަކެއް ދީ، އަލް-ބައިޟާގެ ޛީ ނާއިމް ސަރަހައްދަށް ވެސް ވަނީ ފޯރާފަ އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި، އެކި ސަރަޙައްދުތަކުގައި ހަނގުރާމަ ވަރުގަދަވެ، މިއީ ޤައުމުގެ ދިގުލީ ދާޚިލީ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމެކެވެ.

ހޫޘީންނާ ގުޅުން އޮންނަ ސަބާ ނިއުސް އެޖެންސީން ބުނި ގޮތުގައި، ޔަމަނުގެ އުތުރުގެ އަލް-ޙަޒަމްގައި ހުންނަ ޖަލަކަށް ސަޢޫދީން ދިން ވައިގެ ޙަމަލާތަކެއްގައި ހަތް މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ޖަލަށް ޒިޔާރަތްކުރި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

ނަމަވެސް، އަންސާރުﷲ ގެ ސިޔާސީ ގޮފީގެ މެންބަރެއް ކަމަށްވާ މުޙައްމަދު އަލް-ފަރަޙް ވިދާޅުވީ، ސަރުކާރު ފައުޖުތަކުން ކުރިއަރަން ކުރި މަސައްކަތް ހުއްޓުވާފައިވާ ކަމަށާއި، އެ ފައުޖުތަކުގެ ގިނަ ބަޔަކު މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށެވެ. އަދި އަލް-ޖައުފަށް ފޮނުވި އިތުރު ފައުޖުތަކަށް ބެލިސްޓިކް މިސައިލުން ޙަމަލާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޙަމަލާ ބަދަލުކުރުންތައް މިހާރު ވަނީ ޔަމަނުގެ ސަރަހައްދީ ރޮނގުން ބޭރަށް ވެސް ފެތުރިފަ އެވެ. ސަޢޫދީގެ ދެކުނުގެ ސަރަހައްދުތަކަށް ހޫޘީން ދިން ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 73 ޢާންމުން ޒަހަމްވެފައިވެ އެވެ.

ރިޔާޟުން ވަނީ މިއީ ”ނުރައްކާތެރި ފެތުރުމެއް“ ކަމަށް ބުނެ ކުށްވެރިކޮށް، މީގެ ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.

ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ، ހޫޘީން މަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ މައްސަލަތައް ސަޢޫދީ އަށާއި ޔަމަނު ސަރުކާރަށް ކުރިމަތިކުރުވަން ކަމަށެވެ. އަދި ސަޢޫދީން އަބަދުވެސް ސުލްޙަވެރި ޙައްލަކަށް ތާޢީދުކުރާނެ ކަމަށާއި، ނަމަވެސް ޤައުމުގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަޢޫދީ އެނާޖީ މިނިސްޓްރީން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ކުރީކޮޅު ދިން ޙަމަލާތަކުގައި ދެކުނުގެ ސަރަހައްދުތަކުގައި ހުރި ހަކަތައާ ބެހޭ ބައެއް މަރުކަޒުތަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ ސަބަބުން ބައެއް ތަންތަނުގައި އަލިފާން ރޯވެ، ބައެއް މަސައްކަތްތައް ވަޤުތީ ގޮތުން ހުއްޓާލަން ޖެހުނެވެ.

ހޫޘީން ބުނާ ގޮތުގައި ސަޢޫދީން ދަނީ ޔަމަނު ސަރުކާރުގެ ފައުޖުތަކަށް ވައިގެ މަގުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އަންސާރުﷲ ގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ވިދާޅުވި ގޮތުގައި، ސަޢޫދީން ވަނީ މާރިބް، ބައިޟާ، ހުދައިދާ، ތާއިޒް އަދި އަލް-ޖައުފަށް 121 ވައިގެ ޙަމަލާ ދީފަ އެވެ. އަދި މީގެ ބަދަލު މިއަށްވުރެ ވަރުގަދަ ޙަމަލާތަކުން ހިފާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

މި ހަނގުރާމައަކީ އެމެރިކާ، އިސްރާއީލް އަދި އީރާނުގެ މެދުގައި އޮތް ނުތަނަވަސްކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ބެލެވެ އެވެ. ހޫޘީން ވަނީ ރަތްކަނޑާއި ބާބުލް މަންދަބުން ސަޢޫދީގެ އުޅަނދުތައް ދަތުރުކުރުން ހުރަސްއަޅާނެ ކަމަށް އިޢުލާންކޮށްފަ އެވެ. އަދި އީރާނުން ވެސް ވަނީ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރުން ކޮންޓްރޯލްކޮށްފަ އެވެ.

މިއީ 2022 ވަނަ އަހަރު އދ. މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ހަނގުރާމަ މިހާ ވަރުގަދަވި ފުރަތަމަ ފަހަރެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން ސަންޢާ ހިފުމާ ގުޅިގެންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި، އޮގަސްޓް 23 ގެ ފަހުން މިހާތަނަށް 728 މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވެ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތާއިޒުން އެކަނިވެސް 21,000 އެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

ޔަމަނުގައި ހުންނެވި އެމެރިކާގެ ކުރީގެ ޑިޕްލޮމެޓް ނަބީލް ޚޫރީ ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ޔަމަނުގެ ދާޚިލީ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ސަރަހައްދުގެ ބާރުވެރިކަން ހޯދުމަށް ކުރިއަށްދާ ބޮޑު ކުރިމަތިލުމެއްގެ ބައެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.