
ޓްރަމްޕްދޭ އިންޒާރުތަކަކީ އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫން
އިރާނާ ދެކޮޅަށް ޙަމަލާތައް ވަރުގަދަކުރައްވާނެ ކަމަށް ޓްރަމްޕްދޭ އިންޒާރުތަކަކީ، އެމެރިކާގެ އަސްކަރީ އިސް ޖެނެރަލުންގެ އިންޒާރުތަކާ އަޅާބަލާއިރު އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ބެލެވެން ފަށައިފި އެވެ.
އެމެރިކާގެ އަސްކަރީ އިސް އޮފިޝަލުން އިންޒާރުދޭ ގޮތުގައި، ދިގުދެމިގެންދާ ވަރުގަދަ ހަނގުރާމައެއްގެ ސަބަބުން އެމެރިކާގެ އަސްކަރީ ބާރު ކުޑަވެގެން ހިނގައިދާނެ އެވެ.
އިރާނާ ދެކޮޅަށް ކުރާ ބޮޑު ހަނގުރާމައެއް ދިގުލައިގެން ދިއުމަކީ އެމެރިކާއަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް އެގައުމުގެ އިސް ޖެނެރަލުން އިންޒާރު ދެމުންދަނިކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވަނީ އިރާނަށް ”ވަރުގަދަ ޙަމަލާއެއް ދޭނެ“ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ސްޓްރެއިޓް އޮފް ހޯރްމޫޒްގައި އޮންނަ ލަރަކް އައިލެންޑަށް އެމެރިކާއިން ދިން ޙަމަލާތަކާ ގުޅިގެން، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން ދިން ޙަމަލާއާ ބެހޭގޮތުން ޓްރަމްޕް ބުނީ، ”އޭގެ ރައްދު ދެވޭނެ“ ކަމަށާއި، ”އަހަރެމެން އެމީހުންނަށް ވަރުގަދަ ޙަމަލާއެއް ދޭނަން،“ ކަމަށެވެ.
ޙަމަލާތައް މަދުވުމުގެ ސަބަބުން ދަށަށް ދަމުންދިޔަ ތެލުގެ އަގު، މި ޙަމަލާތަކާ ގުޅިގެން ހޯމަ ދުވަހު ވަނީ އުފުލިފަ އެވެ.
ބައިނަލްއަޤަވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު 2.5 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 90.35 ޑޮލަރަށް ވަނީ އަރާފަ އެވެ.
ނަމަވެސް، ޓްރަމްޕްގެ މި ހަރުކަށި ބަސްމަގާ ޚިލާފަށް ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އޮތީ ހަނގުރާމަ ފުޅާކުރެވޭ ފަދަ ޙާލަތެއްގައެއް ނޫނެވެ.
ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާގެ އެއްގަމު، ކަނޑު އަދި ވައިގެ ސިފައިންގެ ވެރިންނާއި، ޔޫރަޕް، އޭޝިއާ އަދި ލެޓިން އެމެރިކާގެ އޮޕަރޭޝަންތައް ބަލަހައްޓަވާ ފޯ-ސްޓާ ކޮމާންޑަރުން ވަނީ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތަށް އިންޒާރު ދެއްވާފަ އެވެ. އެމީހުން ދެކޭގޮތުގައި ބޮޑެތި އޮޕަރޭޝަންތައް ދިގުލައިގެން ދިއުމަކީ އެހެން ދުޝްމަނުންނާ ކުރިމަތިލުމަށް އެމެރިކާއަށް އޮތް ޤާބިލްކަން ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު އެމެރިކާއިން އިރާނުގެ ދެ ރޮކެޓް ލޯންޗަރަކަށް ޙަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ.
އެމެރިކާއިން ބުނާ ގޮތުގައި އެ ލޯންޗަރުތަކަކީ ހޯރްމޫޒް ކަނޑުއޮޅިއަށް މައިން އެޅުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ.
މީގެ ބަދަލުހިފުމެއްގެ ގޮތުން އިރާނުން ވަނީ އުރުދުންއަށް ޙަމަލާދީފަ އެވެ.
ޓްރަމްޕްގެ މި އިންޒާރުތައް އައިސްފައިވަނީ، އިރާނުގެ ހަކަތަ އެކްސްޕޯޓް ކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ”ފުނޑުފުނޑުކޮށްލާނެ“ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ލިޔުމެއް އޭނާ ހިއްސާކުރެއްވި ފަހުންނެވެ.
ޖޫން މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރުޖޫޢަވުމަށް އިރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެފައިވާތީ، ހުރިހާ ގޮތަކަށްވެސް ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮތް ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެ އެވެ.
އެމެރިކާގެ އިސް ޖެނެރަލުންގެ މި ވަރުގަދަ އިންޒާރު އައީ، މެދުއިރުމަތީގައި ތިބި ބައެއް ސިފައިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަޑުކުރުމަށާއި، އަދި ބައެއް ސިފައިން 2027 ވަނަ އަހަރާ ހަމައަށް އެ ސަރަހައްދުގައި ތިބުމަށް އޯގަސްޓް 14 ގައި ނެރުނު އަމުރަކާ ގުޅިގެންނެވެ.
ވޮޝިންގޓަން ޕޯސްޓުން ބުނާ ގޮތުގައި، އެމެރިކާގެ ޔޫރަޕިއަން ކޮމާންޑް، ޕެސިފިކް ކޮމާންޑް އަދި ސަަދަން ކޮމާންޑްގެ ވެރިންނާއި ކަނޑުގެ ސިފައިންގެ އިސް އެޑްމިރަލް ވަނީ ހެގްސެތްގެ މި އަމުރާ ދެކޮޅަށް ”ނޮން-ކޮންކާ“ (އެއްބަސްނުވާކަން އަންގައި) ރެސްޕޮންސްއެއް ފޮނުވާފަ އެވެ. މީގެ މާނައަކީ އަމުރާ ދެކޮޅުވި ނަމަވެސް، އެ އަމުރަށް އެމީހުން ކިޔަމަންވާނެ ކަމެވެ.



