
އެސްޓީއޯ ސަދަން ރީޖަންގެ މުވައްޒަފުންނަށް، ފަސްޓް އެއިޑް ސެޝަނެއް ކުރިއަށް ގެންގޮސްފި
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ސަދަން ރީޖަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ފަސްޓް އެއިޑް ސެޝަނެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންގޮސްފިއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގައި މި މަހުގެ 29ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ފުރަތަމައެހީ ދިނުމާ ގުޅޭ ތިއަރީ ބައިތަކުގެ އިތުރުން އަމަލީ ތަމްރީނުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެސްޓީއޯ ސަދަން ރީޖަންގެ ޖުމްލަ 85 މުވައްޒަފުން ބައިވެރިވި މި ސެޝަން ނަގައިދެއްވީ ފޯސް މެޑިކް، ސްޓާފް ސާޖަންޓް ރިޟްވާން ޝަރީފެވެ. މި ސެޝަން ކުރިއަށް ގެންދިއުމުގައި ސަދަން އޭރިއާ ކޮމާންޑްގައި ޤާއިމުވެފައި އޮންނަ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 5ގެ މެރީންސްގެ ފަރާތުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.



