
އަންނަ އަހަރުގެ ބަޖެޓް ފާސްކުރުން މާދަމާއަށް ތާވަލުކޮށްފި
އަންނައަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބެޖެޓް ފާސްކުރުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
ސަރުކާރުން މަޖިލިހަށް ހުށައަޅާފައިވާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ މިދިޔަ ހަފްތާގައި ފާސްކޮށްފައެވެ.
އެހެންނަމަވެސް ބަޖެޓުގައި ހިމަނާފައިނެތް 21 މަޝްރޫޢެއް ވަނީ ކޮމެޓީ މަރުހަލާގައި ބަޖެޓަށް އިތުރުކޮށްފައެވެ. އަދި ކޮމެޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކުނ ބަޖެޓަށް ހުށައަޅާފައިވާ 14 ރެކޮމެންޑޭޝަންގެ ތެރެއިން 10 ރެކޮމެންޑޭޝަނެއްވެސް ވަނީ ކޮމެޓީއިން ފާސްކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ 51 އިންސައްތަ ހޭދަކުރަން ނިންމާފައިވަނީ ރިކަރަންޓު ޚަރަދުތަކަށްކަމަށާއި އޭގެތެރެއިން 49 އިންސައްތަ ހޭދަކުރާނީ ކެޕިޓަލް ޚަރަދުތަކަށް ކަމަށް ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށާއި އޭގެތެރޭގައި ޓެކުހުގެހުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އާއި ޓެކުސް ނޫންގޮތުގައި ލިބޭ 4.8 ބިލިއަން ރުފިޔާ އަންދާޒާކޮށްފައިވެއެވެ.
މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 876 މިލިއަން ރުފިޔާ އާއި އާމްދަނީ އިތުރުކުރުމަށް ހުށައަޅާ ކަންތައްތަކުން ލިބޭ 2 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.



