
ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކަށް ފައިސާ ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮއްފި
ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (UN DESA) ގުޅިގެން ބޭއްވި ބައިނަލްއަގުވާމީ ސިމްޕޯޒިއަމްގައި ”ޑައިރެކްޓަރ އައިޝަތު އައިލީން ނިޔާޒް“ ބައިވެރިވެވަޑައިގެން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ ”ސްޓްރެންތެނިންގ ދަ ކެޕޭސިޓީ އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (SIDS) ޓު އޮޑިޓް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ SDGs“ ގެ ނަމުގައި ކުރިއަށްދިޔަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ސެޝަނެކެވެ. އައިލީން ބައިވެރިވެވަޑައިގެންފައިވަނީ މި ސިލްސިލާގެ 5 ވަނަ ސެޝަންގަ އެވެ.
މި ސެޝަން އަމާޒުކޮށްފައިވަނީ ”ކްލައިމެޓް އެޑެޕްޓޭޝަން އެންޑް އަންލޮކިންގ ކްލައިމެޓް ފައިނޭންސް އިން SIDS“ މި މައުޟޫއަށެވެ. މީގެ މައިގަނޑު ބޭނުމަކީ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަމަށް އޮޑިޓް މުއައްސަސާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ސެޝަންގައި އައިލީން ވަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް (Climate Adaptation) ކުރެވޭ މަސައްކަތްތަކާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި (Climate Finance) ކުދި ޖަޒީރާ ގައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (SDGs) ހާސިލުކުރުމަށްޓަކައި، ދައުލަތުގެ އޮޑިޓް މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަންވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.
މި ސިމްޕޯޒިއަމް އަކީ ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް މުއައްސަސާތައް ބާރުވެރިކުރުވައި، ތިމާވެށީގެ މައްސަލަތަކާއި ތަރައްގީގެ ލަނޑުދަނޑިތައް އޮޑިޓްކުރުމުގެ ފަންނީ ހުނަރު އިތުރުކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.



