
ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށްފި
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ރިޔާސަތު ބެލެހެއްޓެވި ބިޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް (ޖީ.އެމް.ޓީ.އެމް.އޯ) ގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭގޮތުން މިނިސްޓަރާއި ކައުންސިލްގެ މެންބަރުން މައުލޫމާތު އޮޅުންފިލުއްވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށް، ”ގްރޭޓަރ މާލެ މޮބިލިޓީ ފްރޭމްވޯކް“ ގެ ދަށުން އެކުލަވައިލާފައިވާ އިސްލާހީ ފިޔަވަޅުތަކެއްވެސް މި ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ގައުމީ އަހަންމިއްޔަތުކަން ދެވިފައިވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި، ގްރޭޓަރ މާލެ ސަރަހައްދަކީ އުޅަނދު ރަޖިސްޓްރީކުރުން ކޮންޓްރޯލްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ދެމެހެއްޓެނިވި އަދި ފައިދާހުރި ހައްލުތަކެއް ހޯދުމަށް އެކުގައި މަސައްކަތްކުރާ އުސޫލެއްގެ ދަށުންނެވެ.



