
ރައީސްގެ އިސްނެންގެވުމަށް ދައުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މާވެޔޮ މިސްކިތް 5 ބުރިއަށް ޢިމާރާތްކުރަނީ..
ދައުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން (މަސްޖިދުލް ބަހާއުއްދީން) މާވެޔޮ މިސްކިތް 5 ބުރިއަށް ޢިމާރާތްކުރުމަށް ނިންމައިފިއެވެ.
މާވެޔޮ މިސްކިތް އަލުން ޢިމާރާތް ކުރުމަށް އަމިއްލަ ފަރާތަކުން އެތަން ތަޅާލުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް މިހާތަނަށް ވެސް އެތަނުގެ މަސައްކަތް ކުރިޔަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން އެ މިސްކިތަށްދާ ގިނަ ބަޔަކަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ ރަމަޟާން މަހާއިދިމާކޮށް، އެ މިސްކިތުގައި ނަމާދު ކުރެވޭ ގޮތް ވަގުތީ ގޮތުން ހަމަޖެއްސައިދިން ނަމަވެސް އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެދި 2،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، އިސްލާމިކް މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއްވެސް ފޮނުވާފައެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ އެކަމަށް ހައްލެއް ހޯދައިދިނުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަމިއްލައަށް އިސްނަންގަވައިގެން، މާވެޔޮ މިސްކިތް ފަސް ބުރިއަށް ޢިމާރާތް ކުރެއްވުމަށް ބަޖެޓުގައި ހުށަހަޅުއްވާފައިވާ ކަމަށެވެ.
މާވެޔޮ މިސްކިތް އަލުން ޢިމާރާތްކޮށް ނިމޭ އިރު، ދެ ފަރާތުން ދުވާ ސިޑި (އެސްކަލޭޓަރ) ވެސް ލައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި މިސްކިތުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން މިސްކިތުގެ އެއްފަރާތުގައި ހުންނަ ސްޓެލްކޯގެ ސަބް ސްޓޭޝަން އެހެން ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތްވެސް ތަޅާލައި، އެތަނުގައި 10 ބުރީގެ ބޮޑު މިސްކިތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



