
ވެމްކޯ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ޖަމާނުކުރެވި ވަނީ ސިޓީ ކައުންސިލުން ލިބެންޖެހޭ 98 މިލިއަން ރުފިޔާ ނުލިބިވާތީ: ވެމްކޯ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ގަވާއިދުން ޖަމާނުކުރެވި ވަނީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ނުލިބިވާތީ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ އޮތް މައްސަލަ ފެންމަތިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ސަބްސިޑީގެ އެހީގައި ކަމަށެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތްތަކަށް ފައިސާ ހޯދުމަށް ދަތިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ޚާއްސަކޮށް، މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.



