
ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 36 ވަނަބުރު ފަށައިފި
ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 36 ވަނަބުރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.
ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ކުރިއަށް ގެންދާ މި ކޯސް އޮންނާނީ މި ނޮވެމްބަރު މަހުގެ 13 ން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ، ދ. ވާނީ އަދި ބ. އޭދަފުށީގައެވެ.
އައްޑޫ ސިޓީގައި ކުރިއަށްދާ ކޯހުގައި 40 ފުލުހުން، ދ. ވާނީގައި ކުރިއަށްދާ ކޯހުގައިވެސް 40 ފުލުހުން އަދި ބ. އޭދަފުށީގައި ކުރިއަށްދާ ކޯހުގައި ޖުމްލަ 29 ފުލުހުން ވަނީ ބައިވެރިވެފައެވެ.
އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސްތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިންގ އާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔަވައިދެވޭނެއެވެ.
އަދި ފުލުހުންނާއި ގުޅުންހުރި ޤާނޫނާއި ޤަވާޢިދުތަކާއި އިންސާނީ ޙައްޤުތަކާއި ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޓަކްޓާއި އެތިކްސް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.
މި ކޯސްތަކުގައި ކިޔަވައިދެއްވަނީ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރާ މުދައްރިބުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލް މުދައްރިބުންނެވެ.



