
ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަ ކުރުމުގެ ޕްލޭން ހެދުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަ ކުރުމުގެ ޕްލޭން ހެދުމަށް ބޭއްވޭ ތަމްރީން ޕްރޮގްރާމެއް ފ. ނިލަންދޫގައި ފަށައިފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދާ މިތަމްރީން ޕްރޮގްރާމްގައި ފ.ދަރަނބޫދޫ، ފ.ފީއަލި، ފ.މަގޫދޫ އަދި ފ.ނިލަންދޫއިން ޖުމްލަ 54 ތަމްރީނު ވެރިން ބައިވެރިވެއެވެ. މީގެތެރޭގައި ގްރޭޑް 9 ، 11 އަދި 12 ގެ ސްކޫލް ދަރިވަރުން ހިމެނޭ ގޮތަށް 28 އަންހެން ބައިވެރިންވެސް ހިމެނެއެވެ.
މިތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ:-
- ރަށުފެންވަރުގައި ކާރިސާގެ ކަންކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމް ކުރުމާއި
- ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ފަންނީ ޤާބިލްކަން ރަށުފެންވަރުގައި އިތުރުކުރުމާއި
- ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ބާރުވެރިކޮށް ޒިންމާދާރު ކުރުވުމާއި
- ރަށުފެންވަރިގައި ކާރިސާގެ ކަންކަން ބަލަހައްޓާނެ ގޮތްތައް ކަނޑައަޅައި ޕްލޭން އެކުލަވާލުމެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ މިޕްރޮގްރާމް ކުރިއަށް ދާނީ މިހިނގާ ނޮވެމްބަރ މަހުގެ 13 އިން 18 އަށްށެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އަތޮޅުގެ ރަށްރަށުން ބައިވެރިވުމަށް ވަޑައިގެންނެވި ފަރާތްތަކަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުންވަނީ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސަވާދެއްވާފައެވެ.
ހަ ދުވަހުގެ މިޓްރެއިނިންގ ޕްރޮގްރާމްގައި ރަށު ފެންވަރުގައި ފަންނީ ޤާބިލްކަން އިތުރުކުރުމާއި ކާރިސީ ހިރާސް ކުޑަކުރާނެ ގޮތްތަކާއި ރަށުގެ ހުރި ނާޒުކުކަންކަމާއި އަރައްކާތަކާއި ޤާބިލިއްޔަތުތައް ދެނެގަނެ ކާރިސާ އެއް ދިމާވެއްޖެނަމަ ކަންކުރާނެ އުސޫލުތައް ކަޑައަޅައި ރަށުގެ “ ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭންއެއް“ (ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭން) އެކުލަވާލާނެއެވެ.
މިގޮތުން ކާރިސާއެއް ހިނގައިފިނަމަ ޢަމަލުކުރާނޭ ގޮތުގެ ޑްރިލްއެއް މިޓްރެއިނިންގގެ އެންމެ ފަހު ދުވަހު ބާއްވާނެއެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ފ.އަތޮޅު ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލެއްވުމެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލިބިފައިވާކަން އެ ސެންޓަރުން ފާހަގަ ކުރައްވައެވެ.



