
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް މިއަދު ފަށައިފި
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ މި ސީޓީ ސްކޭންގެ ޚިދުމަތާއިއެކު އެ ހޮސްޕިޓަލުން ބައެއް ޙާލަތްތަކުގައި ރިފާކުރަންޖެހޭ ބަލިމީހުންގެ އަދަދު މަދުވެގެން ދާނެއެވެ.
ސީޓީ ސްކޭނުގެ ޚިދުމަތަކީ ބައެއް ބަލިތައް ދެނެގަތުމަށާއި ބައެއް ޙާލަތްތައް މޮނިޓަރ ކުރުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތެކެވެ.
އެގޮތުން ސްޓްރޯކް ޖެހިގެން ގެނެވޭ ބަލިމީހުން އަވަހަށް ދެނެގަނެވި، ބޭނުންވާ ފަރުވާ އަވަހަށް ފެށުމުގެ ފުރުސަތު ލިބިދެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭނުގެ ޚިދުމަތް ތަޢާރަފު ކުރުމާއިއެކު ސްޓްރޯކް ޕްރޮޓަކޯލް ވަނީ ޤާއިމު ކުރެވިފައެވެ. މިޕްރޮޓަކޯލުގެ ސަބަބުން، ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެނެވޭ މީހުންގެ ސީޓީ ސްކޭން 20 މިނެޓް ތެރޭގައި ހެދި، ސްޓްރޯކުގެ ބާވަތް ދެނެގަނެވި، އޭގެތެރެއިން ތުރޮމްބޮލައިސް ކުރަން ޖެހޭ ފަރާތްތަކަށް ވަގުތުން ދޭންޖެހޭ ފަރުވާ ފެށޭނެ އެވެ.
އަދި ރިފަރ ކުރަންޖެހޭ ފަދަ ޙާލަތްތަކުގައި ރިފަރ ކުރެވުނު ކަމުގައި ވީނަމަވެސް އެފަދަ ބަލިމީހުން ރިފަރ ކުރެވޭނީ ސީޓީ ސްކޭން ހެދުމަށް ފަހު ބަލި ދެނެގަނެވި އަދި ތުރޮމްބޮލައިޒް ކުރެވިގެން ނުވަތަ ވަގުތުން ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު ކަމަށް ވާތީވެ، ބަލިމީހާގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަކުރެވި، ބަލީގެ ސަބަބުން ލިބިދާނެ ދާއިމީ ނުކުޅެދުންތެރިކަން ކުޑަކުރެވެ އެވެ.
ހޮސްޕިޓަލްތައް ތަރައްގީކޮށް، ހޮސްޕިޓަލްތަކުން އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތްތަށް އިތުރުކުރުމަކީ މިނިސްޓްރީ އޮފް ހެލްތުން މެދުކެނޑި ކުރަމުންގެންދާ މަސައްކަތެކެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލްގައި މެމޯގުރަފީގެ ޙިދުމަށް ދާދި އަވަސް މުއްދަތެއްގައި ފެށިގެންދާނެ އެވެ.



