ހަޤީޤީ ވާހަކަ: ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމުން ލިބުނު ރައްކާތެރިކަން

މޫދު ރީތި، ވައި މަޑު، އުޑުމަތި ސާފު، ދުވަހެކެވެ. މޫދަށް އެރިލުމަށްޓަކައި ޒުވާނަކު ހިނގައިގަތެވެ. އެއީ ޢާންމުގޮތެއްގައި މޫދަށް އެރިއުޅޭ މީހެއް ނޫނެވެ. ނަމަވެސް އެދުވަހު މޫދަށް އެރިލާ ހިތްވީއެވެ.

ދެތިން ކުއްޖަކާއެކީ މޫދަށް ފޭބިއިރުވެސް ތަފާތު އެކި އިޙުސާސްތައް ކުރެވެމުން ދިޔައެވެ. މޫދުގައި ގަލާއި، ގެއްލުން ދެނިވި ތަފާތު ދިރޭ އެއްޗެހިފަދަ އެތައް އެއްޗެއް ހުރެދާނެތީއެވެ. މިފަދަ ކަންތައްތައް ހިތަށް އެރުމުން ޖެހިލުންވުމެއްވެސް އޭނާގެ ހުއްޓެވެ. މެންދުރުގެ ވަގުތުކަމުން މޫދު އަޑި ވަރަށް ސާފުކޮށް އޭނާއަށް ފެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތަންކޮޅެއް ދުރުގައި ލަކުޑިން ހަދާފައި ހުރި، މޫދުގެ ލޮނުގަނޑުން މައްޗަށް އަރާވަރުގެ އަށްޓެއް ހުއްޓެވެ. ހުރިހާ އެންމެންވެސް މިސްރާބު ޖެހީ އެދިމާލަށެވެ. އެ އައްޓަށް އަރާ މޫދަށް ފުންމާށެވެ. އެކުދިން ވަރަށް ފަރިތަކަމާއެކު އެ އަށްޓަށް އަރާ އެކި ގޮތްގޮތަށް ބުރުއުކާ، ފުމެން ފެއްޓިއެވެ.

އަށީގެ ތިރީގައި ވަރަށް ތޫނުކޮށް ކޮޅަށް ޖަހާފައި ހުރި ދަގަނޑު ތަކެއް ހުއްޓެވެ. އަދި އަށި ހަލާކުވެފަ ހުރުމުގެ ސަބަބުން އަށީގައި ޖަހާފައި ހުރި ބައެއް ލަކުޑިތައްވެސް ހުރީ އެދިމާ ތިރިއަށް ފައިބާފައެވެ. އެތަނުން އެއް ކުއްޖަކު ފަހަތަށް ބުރު އުކާތަން ފެނުމުން އެކަންކޮށްލަން މި ޒުވާނާވެސް ހިތަށް އެރިއެވެ.

އެމީހުން ބުރުއުކަމުން ދިޔައީ އަށްޓާ ތަންކޮޅެއް ދުރަށެވެ. ބުރެއް އެއްލުމަށްޓަކައި އަށްޓަށް ވަރަށް މަޑުން އޭނާ އެރިއެވެ. އަރާފަ ކޮޅަށް ތެދުވެފައި ބުރުއެއްލުމަށް ތައްޔާރުވީތަނާ ފައި ކަހާލައިގެން އަށީގެ ތިރިއަށް ވެއްޓުނެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ދަގަނޑުތައް ހަށިގަނޑަށް ވަންނާނެއެވެ.

ނަމަވެސް މޫދުން މައްޗައް ބޯހިއްލާލާފައި ބަލާލިއިރު އޮތީ އަށްޓާ ފުދޭވަރަކަށް ދުރުގައެވެ. އަޖާޢިބުވާފަދަ ކަމެކެވެ. އޭނާއަށް އެނގޭކަމަކީ ވެއްޓުނު ވަގުތު ވަރަށް ބާރަށް އަށްޓާދުރަށް ދިޔަކަމެވެ. އެހާ ތޫނު އެއްޗެހިތަކެއް ހުރިތަނަކުން ސަލާމަތްވާނީ ﷲ ގެ ކުޅަދުންވަންތަ ކަމުންނެވެ. އެކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ.

އެވަގުތު އޭނާ ހަނދާންވީ އެދުވަހު ހެނދުނުގެ ޛިކުރުތައް ކިޔައިގެން ހުރިކަމެވެ. ހެނދުނުގެ ޛިކުރުތަކުގެ ތެރޭގައި ކުއްލި ބަލާވެރިކަމުން ރައްކާތެރި ކޮށްދޭ ޛިކުރެއް ވެއެވެ. އެ ޛިކުރާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްވެސް އަސްފައިވެއެވެ. އެ ޙަދީޘްގައި ވެއެވެ.

“ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު ތިންފަހަރު «بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ» މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާއަށް އެއްވެސް އެއްޗެއްގެ ފުށުން ގެއްލުމެއް ނުވާނެއެވެ.”

މިދުޢާގެ މާނަ: “ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ކިޔުން ހާދަހާ މުހިންމު ޛިކުރުތަކެކެވެ. މިފަދަ ޛިކުރުތައް ކިޔުމުގެ ސަބަބުން، އެތައް ނުރައްކަލަކާ މުޞީބާތަކުން ﷲ ތަޢާލާ، އިންސާނާ މިންޖުކުރައްވައެވެ.

 

ނޯޓް: މިލިޔުމަކީ ދިސަލަފިއްޔާގައި ލިޔެފައިވާ ލިޔުމަކުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.