
މިނިސްޓްރީ އޮފް ސިޓީސްގެ ސްޓޭޓް މިނިސްޓަރ ހޯނޑެއްދޫ ކައުންސިލްއާ ބައްދަލުކުރައްވައިފި
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ސާލިމް ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލާ ބައްދަލުކުރައްވައި ރައްޔިތުންނަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އިއްޔެ މެންދުރު މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.
މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ސްޓޭޓް މިނިސްޓަރ ސާލިމާ ހިއްސާކުރައްވާފައެވެ.

އެ ގޮތުން ކައުންސިލްގެ ބޭފުޅުން ވަނީ އެ ރަށުގެ ބިންތައް ކުއްޔަށް ދޫކުރުން އަވަސްކޮށްދެއްވުމަށާއި، މަގުތަކުގެ ޙާލަތު ހުރި ގޮތާއި، އެ ކަމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ހޯނޑެއްދޫ ގައި ޢިމާރާތްކުރާ އައު ކައުންސިލު ޢިމާރާތާ ގުޅިގެން ހުރި ބައެއްކަންކަންވެސް ކައުންސިލުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ އަޙުމަދު ސާލިމްގެ އަރިހުގައި މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޠާހާ ނަޢީމާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު އައްސަދު ބައިވެރިވެވަޑައިގެންނެވިއެވެ.



