
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަނަށް ބާކީ 3 ދުވަސް!
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަނަށް ބާކީ 3 ދުވަހަށް ވެއްޖެ އެވެ.
މި އެގްޒެބިޝަން ބޭއްވުމަށް ނިންމާފައިވަނީ މިމަހު 26 ވަނަ ދުވަހުން 30 ވަނަ ދުވަހަށެވެ. މި އާޓް އެގްޒިބިޝަންގެ ނަމަކީ ”ލެބިރިންތް“އެވެ. މި އެގްޒެބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލެރީގަ އެވެ.
މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ވަނީ ”ޝޭޑްސް އޮފް މައިންޑް“ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފަ އެވެ. ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ކެޓްލޮގް ވަނީ ހަވާލުކޮށްފަ އެވެ.
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.