
ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
ހުޅުމާލެ ފޭސް 1 ގެ ލޮޓް 10066 ގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެޚިދުމަތައް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:49 ހާއިރު އެވެ. އަދި ހުޅުމާލެ ފަޔަރ ސްޓޭޝަންއަށް ރިޕޯޓު ލިބުމާއެކު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހައްދަށް ގޮސް، އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައި އެވެ.
ފަޔަރ ފައިޓަރުންގެ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ހެނދުނު 9:25 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެޕާޓްމަންޓުގެ އެއް ކޮތަރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.